އިންސާނުންދެކެ އެންމެ ލޯބިވެވޮޑިގަންނަވާ ފަރާތަކީ الله سيحانه وتعالىއެވެ. ނެތުމުގެ ތެރެއިން އިންސާނުން ވުޖޫދުކުރެއްވި ގަދަ ކީރިތިވަންތަ ﷲ تبارك وتعالى ވަނީ އެއިލާހުގެ އަޅުތަކުންދެކެ ލޯބިވެވޮޑިގަންނަވާ ސިފަފުޅުތަކެއް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައެވެ. އެކި އާޔަތްތަކުގެ ނިމޭތަނުގައި އަންގަވައިފައިވާ މި ސިފަތަކުން އެ މީހެއްގެ ނަފުސު ޒީނަތްތެރިކުރާން މަސައްކަތްކޮށްފި ކޮންމެ މީހަކީ އެއިލާހުގެ ރުހުމާއި ލޯބި ހޯދާން މަސައްކަތް ކުރާ މީހެކެވެ.
އެ ސިފަތަކަށް ބަލާއިރު އެންމެ ގިނައިން ބަޔާންވެފައި އޮތީ އިޙްސާންތެރިކަމުގެ ސިފައެވެ. އިޙްސާންތެރިންދެކެ އެއިލާހު ލޯބިވެވޮޑިގަންނަވާ ކަމުގެ ވާހަކަ ޖުމްލަ 5 ތަނެއްގައި އެބަ އޮތެވެ. އިޙްސާންތެރިކަމުގެ ސިފަ ގުޅުވައިފައި އޮތީ އެހެން މަޚްލޫޤާތްތަކުގެ މެދުގައި އޮތް މުޢާމަލާތްތަކަށެވެ. މާތް ﷲ ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކުރުމާއި އަނިޔާވެރިނުވުމާއި އަމާނަތްތެރިވުމާއި ޙައްޤުތަކުގައި ﷲއަށް ބިރުވެތިވުމުގެ މައްޗަށެވެ.
އިޙްސާންތެރިންގެ ޒިކުރާއަށް ފަހު އެންމެ ގިނައިން ޒިކުރުކުރައްވައިފައި ވަނީ ތަޤުވާވެރިންނާއި ޢަދުލުވެރިންގެ ވާހަކައެވެ. މި ދެ ސިފަ ވެސް 3 ފަހަރު ބަޔާންކުރައްވައިފައި ވެއެވެ. އެގޮތުން ޢަދުލުވެރިވުމުގެ ތެރޭ ޢަހްދުތަކަށް ވަފާތެރިވުމާއި ހެކިބަސް ދިނުމުގައި އަމިއްލަ ނަފުސުތަކަށް ވެސް ޢަދުލުވެރިކަމާ އެކު މެނުވީ ހެކިބަސް ނުދިނުން ހިމަނުއްވައިފައި ވެއެވެ. ހެކިބަސް ދިނުމުގައި ޢަދުލުން އެއްކިބާވުމުގެ ސިފައަކީ މިއަދު ދިވެހި މުޖުތަމަޢުން ވެސް ފެންނަން ފަށާފައި އޮތް ނޭދެވޭ އެއް ސިފައެވެ.
ޢަދުލުވެރިވުމުގެ އެންމެ މަތީ ދަރަޖައަކީ، ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހެކިވުމެވެ. އަދި ތިމާގެ ޢަމަލުތައް އެ ޝިޢާރުގެ މަތީ ސާބިތުކުރުމެވެ. އެއީ ތަޤްވާވެރިކަމެވެ. ތަޤްވާވެރިކަމުގެ ސިފައަކީ އެއިލާހު ލޯބިވެވޮޑިގަންނަވާ ސިފައެކެވެ. މިއީ މުސްލިމުން އެސިފައަކުން އެންމެ ބޮޑަސް ޒީނަތްތެރިވާންވީ އެއް ސިފައެވެ.
މާތް ﷲ ލޯބިވެވޮޑިގެންވާ ސިފަތަކުގެ ތެރޭ ޠާހިރުވުން ހިމަނުއްވައިފައި ވެއެވެ. އެ ކަން ޤުރުއާނުގައި 2 ފަހަރު ތަކުރާރު ކުރައްވައިފައި އެބަ އޮތެވެ. އޭގެ ތެރެއިން އެއް ފަހަރު އަންގަވައިފައި އޮތީ ޠާހިރުވުމަށް ލޯބިކުރާ މީހުންދެކެ އެއިލާހު ލޯބިވެވޮޑިގަންނަވާ ކަމުގައެވެ. ތާހިރުވުމަކީ އީމަންކަމުގެ ތެރޭ ހިމެނޭ ކަމެއް ވެސް މެއެވެ. އެ ކަން ބަޔާންކުރައްވައި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވީ؛ ޠަހާރަތަކީ އީމާންކަމުގެ ދެބައިކުޅައެއްބައި ކަމުގައެވެ.
ކެތްތެރިވުމާއި ﷲއަށް ވަކީލުކުރުމަކީ ވެސް އެއިލާހު ލޯބިވެވޮޑިގެންވާ 2 ސިފަކަން ކީރިތި ޤުރުއާނުގައި ވަނީ އަންގަވައިފައެވެ. އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ، އިތުރު ނިޢުމަތްތައް ލިބުން އެދި އެއިލާހަށް އެކަނި ވަކީލުކޮށް ރިވެތި ގޮތުގައި ކެތްތެރިވުމަކީ ﷲގެ ލޯބި ލިބޭނޭ ކަމެކެވެ.
މި ސިފަތަކުން ސިފަ ލިބިގެންފި މީހާ ﷲގެ ދަރުބާރުގައި ޢިއްޒަތްތެރި ވާހުއްޓެވެ. މަލަކޫތީ ޢާލަމުގައި އޭނާގެ ނަން ފެވޭހުށީ ﷲގެ ލޯބި ލިބިގެންވާ މީހެއްގެ ގޮތުގައެވެ. އެ މީހާ ދުނިޔޭގައި ވެސް އުޅޭނީ ހިތްހަމަޖެހުމާއި އުފަލުގައެވެ. އޭނާގެ ޤަދަރު މީސްތަކުންގެ ކުރިމަތީ އުފުލޭށިއެވެ. މޫނު އަލި ކުރައްވާށިއެވެ. ދިރިއުޅުން ތަނަވަސް ކުރައްވާށިއެވެ. ކޮންމެ ދުވަހަކީ އުޖާލާ ދުވަހެއް ކަމުގައި ލައްވާށިއެވެ. آمين!