ޤުރުއާނުގައި ނަންގަނެވިގެންވާ ރަސޫލުންނާއި ނަބިއްޔުން

އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި ﷲ ފޮނުއްވެވީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނެވެ. އެ ރަސޫލުންނާއި ނަބިއްޔުން ލެއްވީ އިންސާނުންގެ ތެރެއިންނެވެ.

މާތް ﷲ ބަޝަރިއްޔަތަށް ހިދާޔަތުގެ މަގު ދެއްކެވުމަށް ގިނަ އަދަދެއްގެ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވެވިއެއް ކަމަކު، ކީރިތި ޤުރުއާނުގައި ނަންގަންނަވައިފައި ވަނީ 25 ބޭފުޅުންނެވެ.

ﷲ سبحانه وتعالى އަޅުގަނޑުމެންނަށް ބަޔާންކޮށް އެންގެވުމަށް ޓަކައި ޤުރުއާނުގައި ހިމަނުއްވައިފައި ވާ ނަންތައް އެނގުމަކީ އަޅުގަނޑުމެން މުސްލިމުންނަށް ވީތީ މުހިންމު ކަމެކެވެ. ރަސޫލުންނަށް އީމާންވުމަށާއި އެ ރަސޫލުން ގެންނެވި ޢިބުރަތްތެރި ފިލާވަޅުތަކުން އަޅުގަނޑުމެންގެ މަޢުލޫމާތު ތަނަވަސްކުރުމަށް ހުޅުވޭ ދޮރެކެވެ.

ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވި ރަސޫލުންގެ ނަންފުޅުތަކުގެ ތެރެއިން ވަރަށް ގިނަ ނަންފުޅުތައް އަންގަވައިފައި ވަނީ އަލްއަންޢާމު ސޫރަތުގައެވެ. އެއިލާހު ވަޙީކުރެއްވި ބަސްފުޅުތަކުގައި އެނގެވި ނަންނަމަށް ވަކިވަކިން ބަލައިލާނައެވެ.

އެންމެ ފުރަތަމައަށް މި ބަލައިލަނީ އިބްރާހީމުގެފާނުގެ ނަންފުޅަށެވެ. ﷲ وتعالى ވަޙީކުރެއްވިއެވެ. ‎﴿وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ﴾‏ ‎(الأنعام: ٨٣) މާނައީ: "އެ ހުރިހާ ކަމަކީ، ތިމަންރަސްކަލާނގެ (ޙަޟްރަތުން އައި) ޙުއްޖަތްތަކެވެ. އެ ޙުއްޖަތްތައް، ތިމަންރަސްކަލާނގެ އިބްރާހީމުގެފާނަށް ދެއްވީ، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ހުށަހެޅުއްވުމަށެވެ."

މި އާޔަތާ ވިދިގެން އޮތް އާޔަތުގައި އިތުރު ނުވަ ބޭކަލުންގެ ނަންފުޅުތައް އެންގެވިއެވެ. އެއީ އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނާއި ނޫޙޫގެފާނާއި ދާވުދުގެފާނާއި ސުލައިމާނުގެފާނާއި އައްޔޫބުގެފާނާއި ޔޫސުފުގެފާނާއި މޫސާގެފާނާއި ހާރޫނުގެފާނުގެ ނަންފުޅުތަކެވެ. ވަޙީކުރެއްވީ ‎﴿وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ كُلًّا هَدَيْنَا وَنُوحًا هَدَيْنَا مِن قَبْلُ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ﴾‏ ‎(الأنعام: ٨٤)‏ މާނައީ: "ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް (އެބަހީ: އިބްރާހީމުގެފާނަށް) އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެ. އަދި އޭގެ ކުރިން ނޫޙޫގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، ދާވުދުގެފާނާއި، ސުލައިމާނުގެފާނާއި، އައްޔޫބުގެފާނާއި، ޔޫސުފުގެފާނާއި، މޫސާގެފާނާއި، ހާރޫނުގެފާނަށް ތެދުމަގު ދެއްކެވީމެވެ."

މި ދިހަ ބޭކަލުންގެ ނަންފުޅުތަކަށްފަހު އެ ސޫރަތުގެ ދެން ޖެހިގެން އޮތް އާޔަތުގައި އިތުރު 3 ބޭކަލެއްގެ ނަންފުޅު ގެންނަވައިފައި އެބަ އޮތެވެ. އެއީ ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، ޢީސާގެފާނާއި، އިލްޔާސްގެފާނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ﴾‏ ‎(الأنعام: ٨٥)‏ މާނައީ: "އަދި ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، ޢީސާގެފާނާއި، އިލްޔާސްގެފާނަށް ތެދުމަގު ދެއްކެވީމެވެ."

މި އާޔަތާ ހަމައަށް މި އޮތީ ސާދަ ނަންފުޅު އެނގިފައެވެ. ޖެހިގެން އޮތް އާޔަތުގައި އަންގަވަނީ އިސްމާޢީލުގެފާނާއި، އަލްޔަސަޢްގެފާނާއި، ޔޫނުސްގެފާނާއި، ލޫޠުގެފާނުގެ ނަންފުޅެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا﴾‏ ‎(الأنعام: ٨٦)‏ މާނައީ: "އަދި އިސްމާޢީލުގެފާނާއި، އަލްޔަސަޢްގެފާނާއި، ޔޫނުސްގެފާނާއި، ލޫޠުގެފާނަށް ތެދުމަގު ދެއްކެވީމެވެ."

މަތީގައި ބަޔާންވެފައި ވާ އާޔަތްތަކުގައި މި ހިމެނުނީ އަށާރަ ބޭކަލުންގެ ނަންފުޅުތަކެވެ. މިއީ އަންޢާމް ސޫރަތުގެ އައްޑިހަ ތިންވަނަ އާޔަތުން ފެށިގެން ގޮސް އެ ސޫރަތުގެ އައްޑިހަ ހަވަނަ އާޔަތާ ހަމައަށް ހުރި އާޔާތްތަކެވެ. ބާކީ އޮތް ހަތް ނަންފުޅު އެކިއެކި ސޫރްތްތަކުގެ އާޔަތްތަކުން އެނގެން އެބަ އޮތެވެ.

އާދަމުގެ ފާނުގެ ނަންފުޅު އެތައް ތަނެއްގައި ގެންނަވައިފައި އެބަ އޮތެވެ އޭގެތެރެއިން އެއް އާޔަތަކީ ﴿إِنَّ اللَّهَ اصْطَفَىٰ آدَمَ﴾ ‎(آل عمران: ٣٣)‏ މާނައީ: "ހަމަކަށަވަރުން، ﷲ، އާދަމުގެފާނު ...ޢާލަމްތަކުގެ މައްޗަށް ޚިޔާރުކުރެއްވިއެވެ."

ހޫދުގެފާނުގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَإِلَىٰ عَادٍ أَخَاهُمْ هُودًا﴾ ‎(الأعراف: ٦٥) މާނައީ: "އަދި ތިމަންރަސްކަލާނގެ ޢާދުބާގައި މީހުންގެ ގާތަށް އެއުރެންގެ އަޚް، ހޫދުގެފާނު (ފޮނުއްވީމެވެ.)"

ޞާލިޙުގެފާނުގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا﴾ ‎(الأعراف: ٧٣) މާނައީ: "އަދި ތިމަންރަސްކަލާނގެ ޘަމޫދުބާގައި މީހުންގެ ގާތަށް އެއުރެންގެ އަޚް، ޞާލިޙުގެފާނު (ފޮނުއްވީމެވެ.)"

ޝުޢައިބުގެފާނުގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا﴾ ‎(الأعراف: ٨٥) މާނައީ: "އަދި މަދިޔަނުގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ އަޚް، ޝުޢައުބުގެފާނު (ފޮނުއްވީމެވެ.)"

އިދްރީސުގެފާނާއި، ޛުލްކިފުލުގެފާނުގެ ވާހަކަ ބަޔާންކުރައްވައިފައި ވަނީ އަލްއަންބިޔާއި ސޫރަތުގެ 85ވަނަ އާޔަތުގައެވެ. ﴿وَإِدْرِيسَ وَذَا الْكِفْلِ كُلٌّ مِّنَ الصَّابِرِينَ﴾ ‎(الأنبياء: ٨٥) މާނައީ: "އިދްރީސްގެފާނާއި، ޛުލްކިފުލުގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކު ވަނީ، ކެތްތެރިންގެ ތެރެއިންނެވެ."

މި ހިސާބުން އަޅުގަނޑުމެންނަށް މި ހިމަނައިލެވުނީ ސައުވީސް ބޭކަލުންގެ ނަންފުޅުތަކެވެ. ފަންސަވީސްވަނަ ބޭކަލަކީ މި އުންމަތުގެ ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمއެވެ. އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا﴾‏ ‎(الأحزاب: ٤٠) މާނައީ: "ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެ ވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމްކުރެއްވި ކަލޭގެފާނު ވެސް މެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެން ވެއެވެ."

މި ދަންނަވައިލެވުނީ ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ފަންސަވީސް ބޭފުޅުންގެ ނަންފުޅުތަކެވެ. އެހެނަސް މިއީ އެއްވެސް ތަރުތީބަކުން ހިމެނިހިމެނުމެއް ނޫނެވެ. މިއީ ހަމައެކަނި ނަންފުޅުތައް ގެނެސް ހުށައަޅައިދިން ހުށައަޅައިދިނުމެކެވެ. އަޅުގަނޑުމެންގެ ކިބައިގައި މިފަދަ މަޢުލޫމާތުން މުއްސަނދިވީ ވަރަކަށް ދީނީ ގޮތުން މީހާ ތަރައްޤީވެގެން އަންނާނެއެވެ.

comment ކޮމެންޓް