ސުންނަތް ނަމާދުކުރުން މޮޅުއިތުރީ ގޭގައެވެ.

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ނަމާދު ޤާއިމުނުކުރާ މީހާ އޭނާގެ ދީން ހިފަހައްޓަން ހުރި ތަނބު މުގުރައިލައިފިއެވެ. އޭގެ ސަބަބުން އޭނާ ދީނުން ބޭރުވެދާ ހުއްޓެވެ. މި ދެންނެވީ ފަރުޟު ނަމާދުގެ ވާހަކައެވެ. ފަރުޟު ނަމާދެކޭ އެއްގޮތަށް ސުންނަތް ނަމާދަކީ ވެސް މުހިންމު އެއްޗެކެވެ. ފަރުޟު ނަމާދުން އުނިވާ ބައި ފުރިހަމަކޮށްދޭ އެއްޗެއް ކަމުގައި ސުންނަތް ނަމާދު ވެއެވެ.

ސުންނަތް ނަމާދުގެ ތެރޭގައި ޖަމާޢީ ގޮތެއްގައި ކުރާ ނަމާދާއި، ވަކިވަކިން އިންފިރާދީކޮށް ކުރާ ނަމާދު ހިމެނެއެވެ. ޖަމާޢީ ގޮތެއްގައި ކުރާ ސުންނަތް ނަމާދުތަކުގެ ތެރޭގައި ޢީދު ނަމާދާއި ކޭތަ ނަމާދާއި ހުކުރު ނަމާދާއި އިސްތިސްޤާ ނަމާދު ހިމެނެއެވެ. ރަވާތިބު ސުންނަތްތަކާއި ތައުބާ ނަމާދާއި އިސްތިޚާރާ ނަމާދުފަދަ ނަމާދު ހިމެނެނީ ވަކިވަކިން ކުރާ ނަމާދުތަކެއްގެ ގޮތުގައެވެ. ޟުޙާ ނަމާދާއި ދަމު ނަމާދާއި ވިތުރިއާއި ޖަނާޒާ ނަމާދަކީ ވަކިވަކިންނާއި ޖަމާޢަތެއްގައި ވެސް ކުރެވިދާނެ ނަމާދުތަކެކެވެ.

ވަކިވަކިން ކުރާ ސުންނަތް ނަމާދުތައް ކުރުން އެންމެ މޮޅު އިތުރީ ގޭގައެވެ. ހުކުރަށް ކުރިން ދާ މީހާ ދެ ރަކުޢަތުން ދެ ރަކުޢަތުން ސަލާމްދެމުން މިސްކިތުގައި ކުރަން ބާރުއަޅުއްވައިފައި ވާ ނަމާދުތައް ފިޔަވައި ދެންހުރި ނަމާދުތައް ކުރުން މޮޅުއިތުރީ ގޭގައެވެ. އެއީ އިތުރު މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم މި ކަމުގައި ދައްކަވައިފައި އޮތް ރިވެތި ނަމޫނާއެވެ.

ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ގަނޑުވަރުކޮޅުގައި ސުންނަތްނަމާދު ކުރައްވައި އެ ކަމަށް ބާރުއަޅުއްވައި ޞަޙާބީންނަށް އިރުޝާދު ވެސް ދެއްވައެވެ. އެ ގޮތުން ޢަބްދުﷲ އިބްނު ޢުމަރު رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާވެގެން އަންނަ މި ޙަދީޘަކީ ވަރަށް މުހިންމު ޚަބަރެއް އަޅުގަނޑުމެންނަށް ލިބޭ ޙަދިޘެކެވެ. «اجْعَلُوا فِي بُيُوتِكُمْ مِنْ صَلاَتِكُمْ وَلاَ تَتَّخِذُوهَا قُبُورًا» (البخاري) މާނައީ: "ތިޔަބައިމީހުންގެ ގެދޮރުގައި ބައެއް ނަމާދުކުރާށެވެ. އެ ތަންތަން (އެބަހީ: ތިޔަބައިމީހުންގެ ގެދޮރު) ޤަބުރުސްތާނުތަކަކަށް ނުހަދާށެވެ." އިމާމު ނަވަވީ ވިދާޅުވީ؛ މި ޙަދީޘްގައި އެވާ "ތިޔަބައިމީހުންގެ ގެދޮރު ގަބުރުސްތާނުތަކަކަށް ނުހަދާށެވެ." އޮތް ބަސްފުޅުގެ މުރާދަކީ ސުންނަތް ނަމާދުތައް ގޭގައި ކުރުމެވެ.

ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ ގިނައިން ކުރާނެ އެއް ނަމާދަކީ ރަވާތިބު ސުންނަތްތަކެވެ. އެއީ ކޮންމެ ފަރުޟު ނަމާދަކާ ވިދިގެން އިސްފަހުގައި ކުރަން އޮންނަ ނަމާދުތަކެކެވެ. މި ނަމާދުތައް ވެސް ގޭގައި ކުރެވޭތޯ މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. ރަވާތިބު ސުންނަތްތައް ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ކުރެއްވީ އެކަލޭގެފާނުގެ ގަނޑުވަރުކޮޅުގައެވެ.

ޢަބްދުالله ބުނު ޝަޤީޤުގެ އަރިހުން އަލްއިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ބަޔާންވެގެން ވެއެވެ. ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّمގެ ސުންނަތް ނަމާދުތަކާ ބެހޭ ގޮތުން ތިމަންކަލޭގެފާނު ޢާއިޝަތުގެފާނުގެ އަރިހުން ސުވާލުކުރީމެވެ. އެ ކަމަނާ ވިދާޅުވިއެވެ. "މެންދުރު ނަމާދުގެ ޖަމާޢަތައް އެކަލޭގެފާނު ވަޑައިގަންނަވަނީ ގަނޑުވަރުކޮޅުގައި ހަތަރު ރަކުޢަތް ކުރައްވައިގެންނެވެ. އެއަށްފަހު ނިކުމެ ވަޑައިގެން މީސްތަކުންނާއިގެން (މެންދުރު) ނަމާދު ކުރައްވައެވެ. އަދި އެނބުރި ވަޑައިގެން ގަނޑުވަރުކޮޅުގައި ދެ ރަކުޢަތް ކުރައްވައެވެ. އަދި މީސްތަކުންނާއިގެން މަޣްރިބު ނަމާދު ކުރެއްވުމަށްފަހު ގަނޑުވަރުކޮޅަށް ވަޑައިގެން ދެ ރަކުޢަތް ކުރައްވައެވެ. އަދި މީސްތަކުންނާއިގެން ޢިޝާ ނަމާދު ކުރެއްވުމަށް ފަހު ތިމަންކަމަނާގެ ގަނޑުވަރުކޮޅަށް ވަދެވަޑައިގެން ދެ ރަކުޢަތް ކުރައްވައެވެ. ..." (مسلم: 730)

ސުންނަތް ނަމާދު ގޭގައި ކުރުމުގެ ފައިދާތައް ވަރަށް ބޮޑެވެ. އޭގެ ތެރެއިން އެއް ކަމަކީ ގޭގެ އަހުލުވެރިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެހުމެވެ. އަދި ހަމައެހެންމެ މާތް ﷲއަށް ކިޔަމަންތެރިވުމާއި ސުވަރުގެއަށް ދާން ލޯބިކުރުން ހިމެނެއެވެ. ގޯތިގެދޮރުގައި ބަރަކާތް އިތުރުވުމާއި ހެޔޮ ކަންކަމަށް ހިތްވަރު ލިބުން ވެސް ހިމެނެއެވެ. ޖާބިރުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «إِذَا قَضَى أَحَدُكُمُ الصَّلَاةَ فِي مَسْجِدِهِ، فَلْيَجْعَلْ لِبَيْتِهِ نَصِيبًا مِنْ صَلَاتِهِ، فَإِنَّ اللَّهَ جَاعِلٌ فِي بَيْتِهِ مِنْ صَلَاتِهِ خَيْرًا» (مسلم: 778) މާނައީ: "ތިޔަބައިމީހުންކުރެ މީހަކު މިސްކިތުގައި ނަމާދުކޮށްފިއްޔާ ފަހެ، އޭގެން ބައެއް ގެއަށް ވެސް ދޭށެވެ. ފަހެ ހަމަކަށަވަރުން އޭނާ ގޭގައި ކުރާ ނަމާދުގެ ސަބަބުން މާތް ﷲ އެ ގެއެއްގައި ހެޔޮކަން ލައްވާނެތެވެ."

comment ކޮމެންޓް