ގޭތެރޭގެ މަސައްކަތުގައި ފިރިހެން ކުދިން

ދިވެހިން ތެރޭ ޒަމާނުއްސުރެ އޮތް ޘަޤާފަތަކީ އަންހެނުން ގޭތެރޭ މަސައްކަތްކުރުމާއި ފިރިހެނުން ބޭރުތެރޭ މަސައްކަތްކުރުމުގެ އާދައާއި ސަޤާފަތެވެ. ވަކިން ޚާއްޞަކޮށް ރަށުން ބޭރުގައިކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކަހަލަގޮތަކަށް ކުރަނީ ފިރިހެންވެރިންނެވެ. އިހުގެ ބޯދާ ސަޤާފަތަށް ބަލާއިރު ގޭތެރޭ މަސައްކަތުގައި ފިރިހެނުންގެ ބައިވެރިވުން މާ ބޮޑެކޭ ނުބުނެވޭނެއެވެ. އެ މާޒީގެ ތާރީޚަށް ބަލާއިރު އެއީ ޢައިބުކަމެއް ވެސް ނުމެނޫންމެއެވެ. ކަންވާނީ ވެސް އެހެންތާއެވެ. ފިރިހެނުން ގެތަކުގައި ބިއްޖެހިފައި ތިބެނީއެއް ނޫނެވެ. ފުރާވަރަށް އަރާއިރު ބޭރަށް ނުކުމެ އާމްދަނީ ހޯދުމުގައި ބައްޕަޔާ އެކު އުޅެންފަށައެވެ.

އެއީ އެދުވެހުގެ މާޒީއެއް. މިއަދުގެ ހާޒިރަކީ ކޮބައިބާއެވެ؟ މިއަދު އަންހެން ކުދިންނެކޭ އެއްގޮތަށް ފިރިހެން ކުދިން ވެސް ގެތަކުގައި ތިބެނީއެވެ. އެއް ޙާލެއްގައި ދެ ޖިންސުގެ ކުދިން ތިބޭއިރު، މާޒީގެ އާދަޔާ އެއްގޮތަށް ގޭތެރޭގެ މަސައްކަތް ހަމައެކަނި އަންހެން ދަރީން ލައްވައި ކުރުވުމަކީ ޢާއިލީ މަޞްލަޙަތު ފުށުއަރާނޭ ކަމެއްކަން ޔަޤީނެވެ. އެހެންކަމުން އަންހެން ކުދިންނަށް ޙަވާލުކުރާ މަސައްކަތުގައި އެހީތެރިވުމަށް ފިރިހެން ކުދިންގާތު ވެސް މި ވަނީ ބުނަން ހެޖިފައެވެ.

މި ދެންނެވި ކަންކަމަކީ ސަޤާފަތާއި ޒަމާންވީ އާދަކާދައިގައި ނެތް ކަންކަން ކަމުގައި ވިޔަސް މިއީ ނަބަވީ އިރުޝާދުގައި މި މަގުން ފެންނަން އޮތް ކަމެކެވެ. ފިރިހެން ކުދިން ގެތަކުގައި ތިބެންޏާ އެ ކުދިންގެ މަންމައިންނަށާއި ދައްތައިންނަށާއި އަދި ކޮއްކޮމެންނަށް އެހީވާން ވާނެއެވެ. އެ ނާޒުކު އަންހެނުންގެ މަދަދުގާރުންނަކީ ފިރިހެން ކުދިންކަން ދަސްވެ އެ ކަމުގެ މައްޗަށް ފިރިހެން ކުދިން ފަރިތަވާނީ އޭރުންނެވެ. ކޭތަށި ދޮވެދިނުމާއި ގޭތެރެ ކުނިކަހައިދިނުމާއި ފޮތްކަބަޑު އަތުރައި ސާފުކުރުމާއި ފަންކާ ފުހުމާއި ފަޚާނާ އުނގުޅާ ދޮވެދިނުމަކީ ކުރެވިދާނެ ބައެއް ކަންކަމެވެ.

މި އުންމަތަށް ކައުކުރެއްވި ނަބިއްޔާ މުޙައްމަދު صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم އިތުރު އެކަލޭގެފާނުގެ ގަނޑުވަރުކޮޅުގައި އަހުލުންނާ އެކު ގެންގުޅުއްވާ މަތިވެރި އަޚްލާޤުފުޅުތަކުގެ ތެރެއިން ކަމެއް ބަޔާން ކުރައްވަމުން މި އުންމަތުގެ މައިކަމަނާ ޢާއިޝާ رضي الله عنها ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. »سَأَلْتُ عَائِشَةَ رَضِيَ اللهُ عَنْهَا: "مَا كَانَ يَصْنَعُ النَّبِيُّ فِي أَهْلِهِ؟" فَقَالَتْ: "كَانَ يَكُوْنُ فِي مِهْنَةِ أَهْلِهِ، فَإِذَا حَضَرَتِ الصَّلَاةُ خَرَجَ"« (البخاري) މާނައީ: "ޢާއިޝަތުގެފާނާ ސުވާލު ވެވުނެވެ. ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم އެކަލޭގެފާނުގެ އަހުލުންނާ އެކު އުޅުއްވަނީ ކޮންފަދައަކުންތޯއެވެ؟ އެ ކަމަނާ ވިދާޅުވިއެވެ. އެކަލޭގެފާނު އުޅުއްވަނީ ގޭތެރޭގެ ކަންކަމުގައި އަހުލުންނަށް އެހީތެރިވެވަޑައިގަތުމުގައެވެ. އެ ގޮތަށް އުޅުއްވަނިކޮށް ނަމާދު ވަގުތު ޖެހިއްޖެއްޔާ ގަނޑުވަރުކޮޅުން ނިކުމެވަޑައިގަންނަވައެވެ."

ބަޔާންވެ ދިޔައީ ވަރަށް މަތިވެރި އަޚްލާޤެކެވެ. ފުރިހަމަ ނަމޫނާއަކުން ދެއްވި އަގުބޮޑު ދަރުހެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢަށް ވަރަށް ބޭނުންތެރި ފިލާވަޅެކެވެ. ކޮންމެ މީހަކު ވެސް ގޭތެރޭގެ މަސައްކަތުގައި އެ މީހެއްގެ އަހުލުންނަށް އެހީވެ އުޅެން ވާނެއެވެ. އެއީ ސަވާބާއި ދަރުމައިގެ ގޮތުން ދަރަޖަ އުފުލޭނެ ކަމެކެވެ. މާތް ﷲގެ ރުއްސެވުން ލިބޭނޭ ކަމެކެވެ. އަނބިދަރީންގެ މެދުގައި އޮންނަ ލޯބި އިތުރުވާނޭ ކަމެކެވެ. ޢާއިލީ ހަމަޖެހުން ގެނެސްދޭ ކަމެކެވެ. އެފަދަ ޢާއިލާތަކުން އުފެދި ބޮޑުވާނީ ޒިންމާދާރު ކުދިންނެވެ. އެކުދިންގެ ފައިދާ މުޖުތަމަޢަށް ހެޔޮގޮތުގައި ކުރާނެއެވެ.

މިއަދު ދިވެހި މުޖުތަމަޢިން ފެންނަނީ ޒިންމާއެއް ނެތި އާވާރާވެފައި ތިބި އިންސާނުންތަކެކެވެ. ދަސްވީ މުޅިން ވެސް ޙައްޤު މިންވަރު ހޯދާށެވެ. ތިބާގެ ފާރާތުން އަނެކާއަށާއި ޢައިލާއަށް ދޭންޖެހެނީ ކޮން ޙައްޤެއްކަން އެނގޭ ބަޔަކު ނެތެވެ. އަނެކާއާއި ޢާއިލާ ތިބާއަށް ދޭން އޮތީ ކޮން ޙައްޤެއްތޯ ބަލައިގެން އޭގެ ފަސްފަހަތުން ހަނގުރާމަކުރަމުން ދުވަނީއެވެ. މީހުން ރެޅިވެރިވެރި ވިޔަސް ފަރުވާލެއް ނެތެވެ. ޢާއިލާތައް ރޫޅިދިޔުމަކީ ވެސް މައްސަލައެއް ކަމުގައި ނުދެކެވެއެވެ. މިއީ ހަރުދަނާ ފިރިހެނުންގެ ގޮތެއް ނޫނެވެ. ފިރިހެނުންގެ ފިރިހެންވަންތަކަން ކުރިއަރާނީ އެންމެ ކުޑަ ދުވަހުން ފެށިގެން ގޭ ތެރޭގައި ޒިންމާދާރު ވެވޭނޭ ގޮތަށް އެ ކުދިން ތަރުބިއްޔަތުކޮށްގެންނެވެ. އޭނާގެ ގޭގައި ތިބޭ އަންހެނުންނަށް ރައްކާތެރިކަމާއި ޙިމާޔަތް ދޭން ދަސްކޮށްދީގެންނެވެ. އެ އަންހެނުންގެ ހަށިތަކަށް ލުއިކޮށްދިނުމުގައި ގޭތެރޭގެ މަސައްކަތުގައި އެހީވެ އުޅެގެންނެވެ.

ގޯތި ގެދޮރުގައި ހަރުދަނާކަމެއް ނެތް ޒުވާނާ މުޖުތަމަޢަށް ނުކުންނަ ދުވަހު އޭނާގެ ކިބައިގައި ހުންނާނީ ވަކި ކޮން ހަރުދަނާކަމެއްތޯއެވެ؟ އޭނާއަށް ފެށުނީއްސުރެ ލިބިފައިހުރި ތަރުބިއްޔަތާއި ތަމުރީނެއްގެ މަތީގައި ނޫނީ އޭނާގެ އިޖުތިމާޢީ ދިރިއުޅުން ކުރިއަރާ ނުދާނެއެވެ. އެ ދިރިއުޅުމުގައި އޭނާކާމިޔާބުވާނީ ވެސް އަދި ނާކާމިޔާބު ވާނީ ވެސް އޭނާގެ ކިބައިގެއި ހުރި އެހެންމީހުންނަށް ރައްކާތެރިވުމުގެ ސިފައިގެ ކުޑަބޮޑުމިނެއްގެ ސަބަބުންނެވެ. ޒުވާން ފިރިހެންކުދިންނޭވެ! ގޭތެރޭގައި ހީވާގިވާށެވެ! އެއީ ހީނުކުރާހައި ގިނަގުނަ މޮޅާއި ހެޔޮކަން އެކަމުގައިވާ ކަމެކެވެ.

comment ކޮމެންޓް