ސުވަރުގެއަށް ކިޔާ ބައެއް ނަންނަން (2)

މީހަކު މިސްކިތުގައި އިނދެ ގުރުއާން ކިޔަވަނީ: ސުވަރުގޭގެ ޚަބަރު ކީރިތި ޤުރުއާނުގައި ދެއްވައިފައި ވަނީ އެކިއެކި ނަންނަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ﷲގެ ކިޔަމަންތެރި އަޅުންނަށް ބޮޑުވެގެންވާ ހަދިޔާއެއްގެ ގޮތުގައި ސުވަރުގެ އުފެއްދެވި އިލާހަށް ޙަމްދުހުއްޓެވެ. އެއިލާހަކީ ސުވަރުގެއަށް ދާނެ މަގު ދެއްކެވުމަށް މުޙައްމަދު صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ނަމޫނާއެއް ކަމުގައި ފޮނުއްވައި އެކަލޭގެފާނަކީ ﷲގެ ޙަބީބުކަމުގައި ލެއްވި އިލާހެވެ.

ސުވަރުގެއަކީ އަޅުކަމުގައި އިޚުލާޞްތެރިވި އަޅުންނަށް އޮތް ޚާއްޞަ ގޮވައްޗެވެ. އެބައި މީހުންނަކީ ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّمގެ އިރުޝާދާ އެއް ގޮތަށް ދުނިޔޭގެ ދިރިއުޅުން އުޅުނު މީހުންނެވެ. އެކަލޭގެފާނު އެންގެވި ގޮތަށް މެނުވީ އަޅުކަން ނުކުޅަ މީހުންނެވެ. އެ ބައިމީހުންނަށް ދެއްވަން ތައްޔާރު ކުރެއްވި ސުވަރުގޭގެ ޚަބަރު ކީރިތި ޤުރުއާނުގައި ދެއްވައިފައި ވަނީ އެކިއެކި ނަންނަމުން އެ ސުވަރުގެ ބަޔާންކޮށްދެއްވަމުންނެވެ.

މި ސިލްސިލާގެ ފުރަތަމަ ލިޔުމުގައި ފަސް ނަން ގެނެސްދީފައި ވާނެއެވެ. މި ލިޔުމުގައި އިތުރު ފަސް ނަން ހިމަނައިލާނަމެވެ.

6- ދާރުއްސަލާމް

ސުވަރުގެއަށް ދާރުއްސަލާމެވެ ކިޔެނީ އެ ތަނުގެ ވަޒަންވެރިން ސަލާމަތްތެރިކަން މަތީ ތިބޭނެތީއެވެ. އުނދަގޫޖެހުމާއި ތުރާލާއި ވޭނުން އެބައިމީހުން ރައްކައުތެރިވެގެން ވާތީއެވެ.

ޔޫނުސް ސޫރަތުގައި ދުނިޔޭގެ މިސާލު، ވެހޭ ވާރެއިން ޖެއްސެވުމަށް ފަހުގައި ﷲ ވަޙީކުރެއްވީ ސަލާމަތުގެ ގޮވައްޗަށް އެއިލާހު ދައުވަތުދެއްވާ ކަމަށެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿وَاللَّهُ يَدْعُو إِلَىٰ دَارِ السَّلَامِ﴾‏ ‎(يونس: ٢٥)‏ މާނައީ: " اللَّه ގޮވައިލައްވަނީ، ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.)"

އިމާމް ޤަތާދާ ވިދާޅުވެފައި ވެއެވެ. "ދާރުއްސަލާމަކީ ސުވަރުގެއެވެ. އެއީ ﷲގެ ފުރިހަމަ ރަޙުމަތްފުޅުން އެއިލާހުގެ އަޅުތަކުންނަށް ސުވަރުގެއަށް ދެއްވާ ދަޢުވަތެކެވެ. (ޚަޒާއިން އިރުފާން: ޞ397)

ޠަބަރާނީގެ ތަފްސީރުގައި ވެއެވެ. މިއީ ﷲ އެކަލާނގެ އެކުވެރިންނަށް ދެއްވުމަށް އިރާދަކުރައްވާ ސުވަރުގެއެވެ. އެ ތަނުގައި ހިތާމައެއް ފިކުރުކުރުމެއް ނުވެއެވެ. އެބައިމީހުން އެ ތަނުގައި ސަލާމަތްތެރިކަމާ އެކު ނިމުމެއްނުވާ ބަރަކާތާއި ރަޙުމަތުގައި ތިބޭނެތެވެ. (ތަފްސީރު ޠަބަރާނީ ސޫރަތުއްތައުބާ)

7- ދާރުލް މުޤާމަތި

ދާރުލް މުޤާމަތަކީ އަރާމުކުރާ ތަނެވެ. ސުވަރުގެއަށް ވަނުމަށްފަހު އެ ތަނުގެ ވަޒަންވެރިކަން ލިބޭ މީހުން އެއްވެސް ވަރުބަލިކަމެއް ނެތި އަރާމުގައި އެ ތަނުގައި އުޅޭނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿الَّذِي أَحَلَّنَا دَارَ الْمُقَامَةِ مِن فَضْلِهِ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ﴾ (فاطر: ٣٥)‏ މާނައީ: "އެކަލާނގެއީ، އެކަލާނގެ ފަޟުލަވަންތަކަމުން، ތިމަންމެން ޤާއިމުވެ ތިބުމުގެ ގޮވަތީގައި (އެބަހީ: ސުވަރުގޭގައި) ވަޒަންވެރިކުރެއްވި ރަސްކަލާނގެއެވެ. އެ ތާނގައި ވަރުބަލިވުމެއް ތިމަންމެންނަކަށް ނުލިބޭނެތެވެ. އަދި އެ ތާނގައި ފޫހިކަމެއް ވެސް ތިމަންމެންނަކަށް ނުމެލިބޭނޭމެއެވެ."

8- ދާރުލް ހަޔަވާނު

ދާރުލް ހަޔަވާނޭ ކިޔައި ސުވަރުގެއަށް ނަންދެވުނީ އެ ތަނުގައި ދާއިމީ ޙަޤީޤީ ދިރިއުޅުން ޙަޤީޤީ ޙަޔާތް ލައްވައިފައި ވާތީއެވެ.

الله تعالى ވަޙީކުރެއްވިއެވެ. ‎﴿وَإِنَّ الدَّارَ الْآخِرَةَ لَهِيَ الْحَيَوَانُ لَوْ كَانُوا يَعْلَمُونَ﴾‏ ‎(العنكبوت: ٦٤)‏ މާނައީ: "އަދި ހަމަކަށަވަރުން، ޙަޤީޤީ ދިރިއުޅުންވަނީ، އާޚީރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ."

9- އަލްމަޤާމުލް އަމީނު

އެންމެ އަމާން މަޤާމަކީ ސުވަރުގެއެވެ. އެ ތަނުން ނެރެފާނެ ކަމުގެ ބިރެއް ވެސް ނޯންނަ ވަރުގެ އަމާންކަމެއް އެ ތަނުގެ ވަޒަންވެރިންނަށް ލިބިގެން ވެއެވެ. އެއީ އެ ތަނުގައި މަރުވުން ނުވާތީއެވެ.

މާތް ﷲ ވަހީކުރެއްވިއެވެ. ﴿إِنَّ الْمُتَّقِينَ فِي مَقَامٍ أَمِينٍ﴾ ‎(الدخان: ٥١) މާނައީ: "ހަމަކަށަވަރުން، ތަޤުވާވެރިން ތިބޭހުށީ އަމާންކަން ލިބިގެންވާ ތަނެއްގައެވެ." އަލްމަޤާމުލް އަމީނަކީ ހުރިހާ އަމާންކަމެއް ލިބިގެންވާ ސުވަރުގެއެވެ.

10- މަޤްޢަދި ޞިދްޤް

މަޤްޢަދި ޞިދްޤަކީ ސުވަރުގޭގެ ހިތްފަސޭހަކަމާއި އުފާފަގަތިކަމުގައި ﷲގެ ޙަޟްރަތުގައި ތިބެވޭ ތިބެވުމެވެ. އުނދަނގުލެއް ތުރާލެއް ލިބޭ ފަދަ ބަސްތަކާއި ނޭއްގާނީ ކަންކަމުން ދުރުހެލިވެގެން ތިބޭ ތިބުމެކެވެ. އެއީ ތެދުވެރިކަމުގެ ގޮވައްޗެވެ. އެ ތަނުގައި ބޭކާރު ވާހަކައެއް ނުވަތަ ދޮގެއް ވިޔަސް އަޑު ނުއިވޭހުއްޓެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. ﴿فِي مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍ﴾‏ ‎(القمر: ٥٥) މާނައީ: "ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ ޙަޟްރަތުގައެވެ."

ދަންނާށެވެ! ތެދުވެރިކަން މަގުދައްކަނީ ސުވަރުގެއަށެވެ. ވީމާ އަޅުގަނޑުމެން ތެދުވެރިން ކަމުގައި ވަމާ ހިނގާށެވެ.

އަޅުގަނޑު ލިޔަން ގަސްތުކުޅަ ސުވަރުގޭގެ ނަންތަކާ ބެހޭ ލިޔުމުގެ ދެވަނަބައި މި ހިސާބަށް ކުރުކޮށްލަމެވެ. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އަދި މީގެ އެހެން ނަންތައް ލިޔެ ހުށައަޅާނަމެވެ.

ސުވަރުގޭގެ ވާހަކަ ގިނަގިނައިން ދެއްކުމަކީ އެ ކަމަށް އަޅުގަނޑުމެންގެ ޝައުޤު އިތުރުވާނެ ކަމެކެވެ. އަދި އެ ތަނަށް ދިޔުމަށް މަސައްކަތް އިތުރަށް ކުރެވޭނެ ކަމެއް ވެސް މެއެވެ.

comment ކޮމެންޓް