ބޮލީވުޑް އެކްޓަރު ކާތިކް އާރްޔަން އަދި ސައުތު ބަތަލާ ސްރީލީލާ އެކީގައި މަސައްކަތް ކުރަމުން އަންނަ ލޯބީގެ މިއުޒިކަލް ޑްރާމް ފިލްމު މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި އަހަރު ރިލީޒްކުރާ ބޮލީވުޑްގެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ ލޯބީގެ އަސަރުގަދަ ވާހަކައެއް ގެނެސްދޭނެ މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނާނެކަމަށް ބުނެފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ.
މިހާތަނަށް މި ފިލްމު ރަސްމީކޮށް އިއުލާނުކޮށްފައި ނެތް ނަމަވެސް ފިލްމުގެ މަސައްކަތް ގަވައިދުން ކުރިއަށްދާ ކަމަށާއި މި އަހަރުގެ ކްރިސްމަސް ޗުއްޓީއާ ދިމާކޮށް ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ ވީހާވެސް ގިނަ ބަޔަކަށް ފިލްމު ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކާތިކް އަދި ސްރީލީލާ އެކީގައި މަސައްކަތް ކުރަމުން އަންނަ ލޯބީގެ ފިލްމުގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ދާދިފަހުން ރިލީޒްކުރި ފިލްމު "މެޓްރީ އިން ދިނޯ"ގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ގެނެސްދޭ މި ފިލްމަކީ ޓީ-ސީރީސްއާ ގުޅިގެން އަނޫރާގް ގެނެސްދޭ ފިލްމެކެވެ.
މި ފިލްމުގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލާފައިވާއިރު އޭގައި ގެނެސްދީފައި ވަނީ ކާމިޔާބު ފިލްމު "އާޝިޤީ"ގެ މަޝްހޫރު ލަވަ "ތޫ މެރީ އާޝިޤީ ހޭ"ގެ މިއުޒިކެވެ. އެހެންކަމުން ކާތިކް އާއި ސްރީލީލާގެ ފިލްމަކީ ފިލްމު "އާޝިޤީ" ފަދަ އަސަރުހުރި ލޯބީގެ ފިލްމަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
ނަމަވެސް ފިލްމުގެ ޑައިރެކްޓަރު އަނޫރާގު ބުނެފައި ވަނީ މިއީ ފިލްމު "އާޝިޤީ"އާ އެއްޗެސް ގުޅުމެއް ހުރި ފިލްމެއް ނޫން ކަމަށެވެ.