ކުރިއަރަމުން އަންނަ ބަތަލާ މްރޫނާލް ތާކުރު ތަންކޮޅެއް ކުރިން މީޑީއާއަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫއަށް ޖޯކު ޖެހި މައްސަލައަކާ ގުޅިގެން ދެ ތަރިންގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.
މްރޫނާލް ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރި ދުވަސްވަރު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ބަތަލާ ބިޕާޝާގެ ހަށިގަނޑު ހުންނަނީ ވަރަށް ވަރުގަދަކޮށް ފިރިހެންވަންތަ ގޮތަކަށް ކަމަށެވެ.
ބިޕާޝާއާ އަޅާކިޔާއިރު މްރޫނާލް އަކީ އެގޮތަށް ގައިގެ މަސްތައް ވަރުގަދަކޮށް ހުންނަ މީހެއް ނޫންކަމަށާއި ބިޕާޝާއަށް ވުރެ މްރޫނާލް ފެންނަ ފެނުމަށް މާބޮޑަށް ވެސް ރަނގަޅު ކަމަށް ބުނެ މްރޫނާލް ވަނީ ބިޕާޝާއަށް މަލާމާތްކޮށްފައެވެ.
މި ވީޑިއޯ ވައިރަލްވާން ފެށިތާ މާގިނަ އިރުތަކެއް ނުވެ ބިޕާޝާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުން ދިން މެސެޖަކީ އެކަކު އަނެކަކު ކުރިއެރުވުމަށް މަސައްކަތްކޮށް އެހީތެރިވެދޭ އަންހެނުން ހިމެނެނީ ވަރަށް ހިތްވަރުގަދަ މީހުންގެ ތެރޭގައި ކަމަށެވެ.

ބަތަލާ މްރޫނާލް ތާކުރުގެ ސޯޝަލް މީޑިއާ ޕޯސްޓު--ފޮޓޯ/ފިލްމުފެއަ
ހަމައެއާއެކު ކަސްރަތުކޮށް ހަށިގަނޑު ފިޓުކޮށް ބަހައްޓާ ގައިގެ މަސްތައް ވަރުގަދަވުމަކީ ވެސް އަންހެނުންނަށް ލިބިފައިވާ ރީތި ސިފައެއް ކަމަށާއި އެކަމުން އަންގައިދެނީ އެބައެއްގެ ހިތްވަރުގަދަކަން ކަމަށް ބިޕާޝާގެ ސޯޝަލް މީޑިއާ ޕޯސްޓުން ދޭހަކޮށްދެއެވެ. މި ޕޯސްޓަކީ ބަތަލާ މްރޫނާލްއަށް ނުސީދާކޮށް ބިޕާޝާ ދިން ރައްދެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މްރޫނާލްގެ އިންޓަވިއު ސޯޝަލް މީޑިއާގައި ވައިރަލްވާން ފެށުމާ އެކު ބިޕާޝާއަށް ސަޕޯޓުކުރާ މީހުންގެ އިތުރުން ބެލުންތެރިންގެ ގިނަ ބަޔަކު ބުނެފައި ވަނީ މްރޫނާލް، ބިޕާޝާގެ ސިފައަށް މަލާމާތްކޮށްފައިވާ ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އާއްމުންގެ ފަރާތުން މްރޫނާލްއަށް ފާޑުކިޔުންތައް ލިބެން ފެށުމާ އެކު ބަތަލާ ވަނީ މިކަމާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ދިގު ޕޯސްޓެއް ނެރެފައެވެ.
މްރޫނާލްގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ބުނެފައި ވަނީ، ފުރާވަރަށް އަރަމުން އައި 19 އަހަރުގެ އަންހެން ކުއްޖަކު އެއްވެސް ކަހަލަ ވިސްނުމެއްނެތި ތާކުންތާކުނުޖެހޭ ވަރަށް ގިނަ ވާހަކަތައް ދައްކާފައި އެބަހުރި ކަމަށެވެ.
އެ އަންހެން ކުއްޖާ އަކީ މްރޫނާލް ކަމަށް ބުނަމުން އޭރު ދެއްކި ގިނަ ވާހަކަތަކުގެ ހަގީގީ މާނަ ނުވެސް އެނގޭ ކަމަށާއި އެއީ އެއްވެސް މީހެއްގެ އަގު ވައްޓާލުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށް މްރޫނާލް ވަނީ ބުނެފައެވެ.
މްރޫނާލްގެ އެ ވީޑިއޯއިން އެއްވެސް މީހަކު ހިތުގައިޖެހޭ ފަދަ ވާހަކަތަކެއް ދެކެވިފައިވާނަމަ އެކަމަށް މަޢާފު ކުރުމަށް ސޯޝަލް މީޑިއާގައި މްރޫނާލް ވަނީ އެދިފައެވެ.