ބެލުންތެރިން އެ ފިލްމަކަށް އިންތިޒާރުކުރާ ބޮލީވުޑްގެ ވަތަނީ ފިލްމު "ބޯޑާ 2" ރިލީޒްކުރާ ތާރީޚާ އެކު ފިލްމުގެ އާ ޕޯސްޓަރެއް ދައްކާލައިފިއެވެ.
ފިލްމީ ތަރިން ކަމަށްވާ ސަނީ ޑިއޯލް، ދިލްޖީތު ދޮސާންޖް އަދި ވަރުން ދަވަންގެ އިތުރުން އަހާން ޝެޓީ މުހިއްމު ރޯލް ކުޅޭ މި ފިލްމު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހެވެ. މި ދުވަހު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
އިންޑިއާގެ 79 ވަނަ މިނިވަން ދުވަހަށް ޚާއްސަކޮށް ބެލުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި "ބޯޑާ 2"ގެ ޕޯސްޓަރެއް ދައްކާލިއިރު ފިލްމު ބަލަން ބެލުންތެރިން އިތުރަށް ޝައުގުވެރި ކުރުވި ކަމަށް އާއްމުންގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެކްޓަރު ވަރުން ދަވަން "ބޯޑާ 2"ގެ ޝޫޓިންގްގައި--ފޮޓޯ/ޕިންކްވިލާ
ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ޖޭޕީ ދައްތާ 1997ވަނަ އަހަރު ގެނެސްދިން ފިލްމުން ދައްކުވައިދިން ޤައުމިއްޔަތުކަން ދެވަނަ ފިލްމުން ވެސް ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފިލްމުގެ އާ ޕޯސްޓަރުން ވެސް ޔަގީންކޮށްދީފި ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު "ބޯޑާ 2"ގެ މަސައްކަތް ފަށައި ފިލްމުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާއިރު އެކްޓަރު ސަނީ ޑިއޯލް ވަނީ ފިލްމުގެ ޝޫޓިންގް ނިންމާލިކަން އިއުލާނުކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަ ހިއްސާކޮށްފައެވެ.
މި ފިލްމުން ފެންނާނެ ބަތަލާއިންގެ ތެރޭގައި ސޯނަމް ބާޖްވާ، މޯނާ ސިންގް އަދި މޭދާ ރާނާ ހިމެނެއެވެ. މިއީ މޭދާ ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާ ފިލްމެވެ.