މީގެ 19 އަހަރު ކުރިން ޑައިރެކްޓަރު ސޫރަޖް ބަރުޖަތިޔާ ގެނެސްދިން ރީތި ލޯބީގެ ފިލްމު "ވިވާހް" މި ޒަމާނާ ގުޅޭގޮތަށް އަލުން އުފައްދަން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ހިންދީ ސިނަމާއަށް ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ސޫރަޖް ބޭނުންވަނީ "ވިވާހް" ފިލްމުގެ އަސްލު ނުގެއްލޭ ގޮތަށް އެ ފިލްމުގައި ގެނެސްދިން ވާހަކަ މި ޒަމާނަށް ފެތޭ ގޮތަށް ބެލުންތެރިންނަށް ގެނެސްދިނުމަށް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މިހާތަނަށް ސޫރަޖްގެ ފިލްމުތަކުގައި ހިމެނޭ ކެރެކްޓާ ޕްރޭމްއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާއިރު ސޫރަޖްގެ ގިނަ ފިލްމުތަކުގައި އެ ކެރެކްޓާ ކުޅުނީ އެކްޓަރު ސަލްމާން ޚާންއެވެ. ފިލްމު "ވިވާހް"ގެ ޕްރޭމްގެ ކެރެކްޓާއިން ފެނުނީ އެކްޓަރު ޝާހިދު ކަޕޫރެވެ.

ވެދާންގް ފިލްމު "ޖިގްރާ"ގެ މަންޒަރެއްގައި ބަތަލާ އާލިއާއާ އެކު--ފޮޓޯ/ފިލްމުފެއަ
ދާދިފަހުން ސޫރަޖް ވަނީ އަލަށް އުފައްދަން ނިންމާފައިވާ ފިލްމުގެ ޕްރޭމްގެ ކެރެކްޓާއަށް އެކްޓަރު އަޔުޝްމާން ކުރާނާ ނަގާފައިވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް މިހާރު އޭނާ ބޭނުންވަނީ ޒުވާން އެކްޓަރު ވެދާންގް ރައިނާ އެ ކެރެކްޓާއަށް ގެންނަން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވެދާންގް މި ފިލްމަށް އެއްބަސް ކުރުވުމަށް މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި މި ފިލްމަށް ވެދާންގެ ފަރާތުން ފެހި ސިގްނަލް ލިބުމުން ފިލްމު އިއުލާނު ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ވެދާންގް އަކީ "ދަ އާޗީސް"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ޒުވާނެކެވެ. "ދަ އާޗީސް"އަށް ފަހު ވެދާންގް ބެލުންތެރިންނަށް ފެނުނީ މިދިޔަ އަހަރު ރިލީޒްކޮށް ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު ފިލްމު "ޖިގްރާ"އިންނެވެ.
ވަރަށް އާދައިގެ ބަޖެޓަކުން ސޫރަޖް އުފެއްދި ފިލްމު "ވިވާހް"އަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމުތަކުގެތެރެއިން ފިލްމެކެވެ.