މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވެ، 20 ވަނަ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު އެއް ހަފުތާއަށް ދަންމާލައިފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ އަންނަ ހުކުރު ދުވަހަށް ކަމަށެވެ.
"އެހެން ނަމަވެސް މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން މުހިންމު މަސައްކަތްތަކެއް ހުރުމާއެކު، އަޅުގަނޑު ގަސްދުކުރަނީ މި ހިިނގާ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ދައުރުގެ މުއްދަތު އިތުރުކުރުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި ދައުރު ދަންމާލަން ފެނޭތޯ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ތެރެއިން 59 މެންބަރަކު ދައުރު ދަންމާލަން ފެންނަ ކަމަށް ވޯޓުދެއްވި އިރު، ދައުރު ދަންމާލަން ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ނިމޭނީ މި މަހުގެ 21 ވަނަ ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި ހިނގާ ދައުރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު ފަށައި، ނިމޭނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަފުތާއަކަށް ދަންމާލަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅުއްވާފައިވާއިރު އެކަން ކުރީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށް, މަޖިލީހުގެ މެޖޯރިޓީ ޕާޓީ, ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މިއަދު ވަނީ "ސަން" އަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ރޭގައި ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން އަންނަ ހަފުތާގައި މާލޭގައި ތިބުމަށް އަންގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މެސެޖެއް ފޮނުވައިފައެވެ.
އެ ސަބަބާ ގުޅޭގޮތުން މި ނޫހުން ސުވާލު ކުރުމުން ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އިސްލާހުތަކުގެ ސީދާ ތަފްސީލު ހާމަ ކުރެއްވޭނީ އަދި ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިސްލާހުތަކުގެ ތެރޭގައި މިހާރު ކައުންސިލަރުންގެ ގޮތުގައި ކޮންމެ ރަށެއްގައި ތިބޭ އަދަދު މަދު ކުރަން ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހޮވާނީ ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުންގެ މެދުގައި ކަމަށް, ނިންމުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ބައެއް މެންބަރުން މައުލޫމާތު ދެއްވިއެވެ. ނަމަވެސް ސީދާ ގެންނަ ބަދަލުތަކުގެ ތަފްސީލު އަދި ނުލިބެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ މި ފަހުން ވެސް ފަސް އިސްލާހެއް ހުށަހަޅައިފައެވެ. އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފައެވެ.
މި ބިލާ ދޭތެރޭ ގިނަ ބަޔަކު، ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މިދިޔަ ހަފުތާ އަންގާރަ ދުވަހުގެ ރޭ ލާމަރުކަޒީ ކޮމިޓީން ބިލު ފާސްކުރީ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެންމެ 19 ގަޑިއިރަށް ހުޅުވާލުމަށް ފަހެވެ.
އެ ބިލު ބުދަ ދުވަހު މަޖިލިސް ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއިދާއެކުގައެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
އެ ބިލް އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައެވެ.