ސަރުކާރަށް ނަގާ ހައްޖު ޖާގަ މަދުކުރަން އިރުޝާދު ދެއްވާފައިވޭ: ޝަހީމް

މިނިސްޓަރު ޝަހީމް: ޝަހީމް ވިދާޅުވީ ސަރުކާރު ކޯޓާ ދަށްކުރަން ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ސައޫދީ ސަރުކާރުން ރާއްޖެއަށް ދޫކުރާ 1،000 މީހުންގެ ހައްޖު ކޯޓާގެ ތެރެއިން ސަރުކާރުން ރިޒާވްކުރާ ކޯޓާގެ އަދަދު ދަށްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ހައްޖުގެ ފުރުސަތު ދިނުމުގައި ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިނިސްޓަރު ޝަހީމާ ސުވާލުތައް ކުރިމަތި ކުރުވައިފައެވެ. އެގޮތުން ހައްޖު ކޯޓާގެ ތެެރެއިން ސަރުކާރަށް ގިނަ އަދަދަކަށް ޖާގަ ނަގާތީ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައި ތިބޭ އާއްމުންނަށް އެ ފުރުސަތު ލިބޭލެއް ލަސްވާ ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން އަބަދު ވެސް ކޯޓާއިން ޖާގަ ދެނީ ކިޔޫ ތަރުތީބަށް އިސްކަންދީގެން ކަމަށާއި، އެހެންވީމާ އެ އަހަރަށް ކަނޑައެޅިފައިވާ އަދަދަށް ހައްޖާޖީންނަށް އެއްވެސް މީހަކު އުނިނުކޮށް ފުރުސަތު ދޭނެ ކަމަށެވެ.

"ސަރުކާރުން ރިޒާވްކުރާ ކޯޓާގެ އަދަދު މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އޮތީ އިރުޝާދު ދެއްވައިފަ،" ޝަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަހީމް ވިދާޅުވީ، ހައްޖު ކޯޓާ ދެފުށް ފެންނަ ގޮތަކަށް ދޫކުރުމަށްޓަކައި ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާއަށް ބަލައި ހައްޖު ކޯޕަރޭޝަންގެ ޚިދުމަތް ފެށީ އެކަށޭނަ އުސޫލުތަކެއްގެ ތެރެއިން، ފައިސާ ދައްކާ ތަރުތީބުން ކޯޓާ ދޫކުރާ ގޮތަށް ކަމަށެވެ.

އެގޮތުން އިންސާފުވެރިކަމާއެކު ކޯޓާތައް ތަރުތީބުކުރުމަށް ޓަކައި އަލަށް ހައްޖުވާ މީހުންނަށް އިސްކަންދިނުމާއި ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ހައްޖަށް ނުދެވޭ ގޮތް ހެދުމާއި، 65 އަހަރުންމަތީ މީހުންނަށް ހައްޖު ކޯޓާއިން ވަކި ޕަސެންޓެއް ކަނޑައެޅުން ފަދަ ބަދަލުތައް މި އަހަރުގެ ހައްޖު މޫސުމުގައި ތަންފީޒުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބަދަލުތަކުގެ ސަބަބުން ކިޔޫ ތަރުތީބުކުރުމުގައި އުމުރުން ދުވަސްވީ މީހުންނާއި އަލަށް ހައްޖަށްދާ މީހުންނަށް އަބަދު ވެސް އިސްކަމެއް ދެވިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ހައްޖު ކޯޓާއިން ފުރުސަތު ދިނުމުގައި ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް ސަރުކާރުން އިސްކަމެއް ނުދޭނެއެވެ. އަދި ހައްޖާޖީންގެ ކަންކަން ބެލެހެއްޓޭނީ އެހީތެރިން ތިބެގެންނެވެ. އެއަށް ވަކި އުސޫލުތަކެއް އޮންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހައްޖު ކޯޕަރޭޝަންގެ އިސް ބޭފުޅުން ތަކުރާރުކޮށް ހައްޖަށް ދިއުމާ ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކަށް ޝަހީމް ވިދާޅުވީ، ކޮންމެ ހައްޖެއްގައި ވެސް އެ ކޯޕަރޭޝަންގެ ވެރިން އާންމުންނަށް ޚިދުމަތްދޭން ތިބެން ޖެހޭ ކަމަށާއި، އެގޮތުން ހައްޖު މިޝަންގައި އިސްވެރިންނާއި މެޑިކަލް ޑޮކްޓަރުން ތިބެން ޖެހޭ ކަމަށެވެ. އެކަމަކު ހައްޖު މިޝަނަކީ ހައްޖުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމާއި އިންތިޒާމުތައް ރަނގަޅުތޯ ބެލުމަށް ދާ ބައެއް ކަމަށް ވާތީ ހައްޖު މިޝަންގައި ތިއްބަވާ ބޭފުޅުން ވަޑައިގަންނަވަނީ ކޯޓާއިން ބޭރުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެއީ ސައުދީ އަރަބިއްޔާގައި ވެސް ކަނޑައަޅާފައި އޮންނަ އުސޫލު އިނގޭތޯ، އެއީ، ޖަމާއަތަކާ ހަވާލުވެ ތިބޭ އިސްވެރިންގެ ތެރެއިން ވަކި އަދަދެއްގެ ބަޔަކު ތިބެން ޖެހޭ،"

އެ މީހުން ތަކުރާރުކޮށް ދިއުމަކީ ކިޔޫ ފަޅާލުން ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ސައޫދީ ސަރުކާރުން ރާއްޖެއަށް ހައްޖު ކޯޓާގެ ގޮތުގައި ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލިމީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.

comment ކޮމެންޓް