20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މިހިނގާ ދައުރު ދަންމާލަނީ އަވަސް އަރުވާލައިގެން ބިލުތައް ފާސްކުރުމަށް ނޫން ކަމަށާއި، އެކަން ކުރަނީ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ސައި ވަގުތަށް މެދުކަނޑާލުމުގެ ކުރިން އަބްދުއްރަހީމް ވިދާޅުވީ، އާންމުންނާ ގުޅުންހުރި ކަންކަމުގައި އަބަދު ވެސް މަޖިލީހުން އިސްކަންދޭނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި މަޖިލީހުގެ މަސައްކަތްތައް ނިންމާލައި މެންބަރުން ޗުއްޓީއަށް ވަޑައިގަތުމަކީ އާންމުން މެންބަރުންނަށް ކުރާ އިތުބާރު ވަރުގަދަވެގެން ދާނެ ކަމެކެވެ.
"އެއީ އެއްވެސް ހާލެއްގައި އަވަސް އަރުވާލައިގެން ކަންތައްތައް ކުރަން ކުރާ ކަމެއް ނޫން،" ދައުރު ދަންމާލުމާ ބެހޭ ގޮތުން ވިދާޅުވިއެވެ.
"އެކަން މި ކުރަނީ ރައްޔިތުންނަށް ދޭން ހުރި ޚިދުމަތްތައް ދިނުމުގައި އަވަސްކަން ގެނެސްދިނުމަށް ޓަކައި އެ ޚިދުމަތްތައް ދިނުމަށް ދަތިތަކެއް ކުރިމަތިވިޔަ ނުދިނުމަށް ޓަކައި،"ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ދައުރު ދަންމާލަނީ ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށް މެންބަރުން ވަޑައިގަންނަވާ ހިސާބުން އާންމުންނާ ގުޅުންހުރި ކަންކަމަށް ހުއްޓުމެއް އަޔަ ނުދިނުމުގެ ބޭނުމުގައެވެ.
ގާނޫނަކީ އިންސާނުން ހަދާ އެއްޗެއް ކަމަށް ވިދާޅުވެ، ހާލަތާއި ޒަމާނާ އެއްގޮތަށް އަބަދު ވެސް ގާނޫނުތައް އިސްލާހުކުރަން ޖެހޭ ކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސިޔާސީގޮތުން ކޮންމެ ފިކުރެއް ކަމުގައި ވިޔަސް، އާންމުންނަށް ފަސޭހަކޮށްދިނުމަށް ޓަކައި މެންބަރުންގެ އެއްބާރުލުން ލިބިގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ދައުރު ދަންމާލަން ފެނޭތޯ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ތެރެއިން 59 މެންބަރަކު ދައުރު ދަންމާލަން ފެންނަ ކަމަށް ވޯޓުދެއްވި އިރު، ދައުރު ދަންމާލަން ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ. އެހެންކަމުން މަޖިލީހުން ވަނީ މި ހިނގާ ދައުރުގެ ޖަލްސާތައް އަންނަ ހަފުތާގެ ބުރާސްފައްޗަށް ދަންމާލައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި ހިނގާ ދައުރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު ފަށައި، ނިމޭނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަފުތާއަކަށް ދަންމާލަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅުއްވާފައިވާއިރު އެކަން ކުރީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށް, މަޖިލީހުގެ މެޖޯރިޓީ ޕާޓީ, ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މިއަދު ވަނީ "ސަން" އަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ރޭގައި ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން އަންނަ ހަފުތާގައި މާލޭގައި ތިބުމަށް އަންގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މެސެޖެއް ފޮނުވައިފައެވެ.
އެ ސަބަބާ ގުޅޭގޮތުން "ސަން"އިން ސުވާލު ކުރުމުން ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އިސްލާހުތަކުގެ ސީދާ ތަފްސީލު ހާމަ ކުރެއްވޭނީ އަދި ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.