މުހިންމު މަސައްކަތްތަކެއް ހުރުމުން، ހަފުތާއަކަށް މަޖިލީހުގެ ދައުރު ދަންމާލަނީ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله: ދައުރު އެއް ހަފުތާއަށް ދަންމާލަން ވަނީ ހުށަހަޅުއްވާފަ -- ފޮޓޯ/ މަޖިލިސް

މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވެ، 20 ވަނަ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު އެއް ހަފުތާއަށް ދަންމާލަން ރިޔާސަތުން ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ އަންނަ ހުކުރު ދުވަހަށް ކަމަށެވެ.

"އެހެން ނަމަވެސް މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން މުހިންމު މަސައްކަތްތަކެއް ހުރުމާއެކު، އަޅުގަނޑު ގަސްދުކުރަނީ މި ހިިނގާ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ދައުރުގެ މުއްދަތު އިތުރުކުރުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ޖަލްސާގެ ވޯޓަށް އަހާ ވަގުތު ދައުރު ދަންމާލަން ފެނޭތޯ ވޯޓަށް އަހާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމުމަށްޓަކައި ދައުރު ދަންމާލާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި ހިނގާ ދައުރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު ފަށައި، ނިމޭނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގައެވެ.

ނަމަވެސް ހަމަ އެއާއެކު، މަޖިލީހުގެ ގަވައިދު ބަޔާންކުރާ ގޮތަށް، ހަފްތާއަކު ތިން ދުވަހު ގަވައިދުން މަޖިލީހުގެ ޖަލްސާތައް ނުބާއްވާތީ އެ ކަންބޮޑުވުން ވެސް އޮވެއެވެ. ފާހަގަކުރެވޭ ގޮތުގައި މީގެ ކުރިން ވެސް ޖަލްސާތައް ބާއްވަން ޖެހޭ ދުވަސްތަކުގައި ގިނަ ޖަލްސާތަކެއް ކެންސަލްކުރިއެވެ.

އެ މައްސަލައިގައި އޭރު ވެސް ގިނަ މެންބަރުން ބުނީ ޖަލްސާ ނުބާއްވަނީ އެޖެންޑާ ކުރާނެ ވަކި މަސައްކަތެއް ނެތުމުން ކަމަށެވެ.

އެކަމަކު، މަޖިލީހުގެ ރިޔާސަތުން އޭރު ވަނީ ޖަލްސާތައް ކެންސަލްކުރަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށާއި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ދައުރުގެ ޖަލްސާތަކެއް ކެންސަލްކުރި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އޭރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގިނަ މެންބަރުންތަކެއް ބަހުސްކުރުމުގެ ފުރުސަތަށް އެދިއެދި ތިއްބައި ޖަލްސާ ކުރުކޮށްލައި، ނިންމާލާފައި ވެސް އެބަހުއްޓެވެ.

comment ކޮމެންޓް