ބޮލީވުޑްގެ ބާދްޝާހްގެ ނަމުން މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން, މަޝްހޫރު މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ)ގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ފިލްމުފެއާއިން ބުނެފިއެވެ.
ފިލްމީ ރިޕޯޓުތައް ބުނާގޮތުން އިންޑިއާގެ އެންމެ މަގުބޫލު އަދި ކާމިޔާބު އެކްޓަރު ސުޕަހީރޯއެއްގެ ތޮއްޕާއެކު އެމްސީޔޫގެ ފިލްމަކުން ސަޕޯޓަރުންނަށް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިކަމާ ގުޅޭ ޚާބަރުތައް މީޑިއާތަކަށް ވަންހަނާކޮށްފައިވާއިރު ރިޕޯޓުތައް ބުނާގޮތުން މިކަމަށް ބާރުލިބޭގޮތަށް ޚަބަރުތައް ފެތުރެން ފެށީ މާވެލްގެ ޚަބަރުތައް ގެނެސްދޭ ރަސްމީ އެކްސް އެކައުންޓު "މާވެލް ލީކްސް"ގައި ޝާހްރުކް ޚާންގެ ފޮޓޯއެއް ޕޯސްޓު ކުރުމާ ގުޅިގެންނެވެ.

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން ފިލްމު "ރާ ވަން"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
މާވެލްގެ ކުރިއަށް އޮތް "އެވެންޖާސް" ފިލްމުން ޝާހު ނުފެންނާނެކަން މި ޓުވީޓުން ކަށަވަރުކޮށްދިން ނަމަވެސް އާ ކެޕްޓަން އެމެރިކާގެ ގޮތުގައި އެ ރޯލްއިން ފެންނަ ހޮލީވުޑްގެ އެކްޓަރު އެންތަނީ މެކީ ބުނެފައި ވަނީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެމްސީޔޫއަށް ގުޅެން ބެޓަކަށް ދާންޖެހިއްޖެ ނަމަ ހޮވާނީ ޝާހްރުކް ޚާން ކަމަށް ބުނެފައެވެ.
ހަމައެއާއެކު އެވެންޖާގެ ގޮތުގައި ދެން ފެންނަން އޭނާ ބޭނުންވަނީ ޝާހު ކަމަށް އެންތަނީ މެކީ ވަނީ ބުނެފައެވެ.
މީގެކުރިންވެސް ހޮލީވުޑްގެ އެކި ހުށަހެޅުންތައް ޝާހުއަށް ލިބިފައިވީ ނަމަވެސް ޝާހު ވަނީ ހޮލީވުޑްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމެއް އަދި ނެތް ކަމަށް ބުނެފައެވެ.
މީގެކުރިންވެސް މާވެލްގެ އެކްޓަރު ކަމަށްވާ "ޑޮކްޓަރު ސްޓްރޭންޖް"ގެ ރޯލް ކުޅެފައިވާ ބެނެޑިކްޓް ކަމްބާބެޗް ވެސް ވަނީ ޝާހުގެ ހުނަރަށް ތައުރީފުކޮށް އެމްސީޔޫއާ ގުޅެން ހުށަހަޅާފައެވެ.
މާވެލްއާ ޝާހު ގުޅުމާ ބެހޭގޮތުން ދެ ފަރާތުން ވެސް ވަކި އެއްޗެއް ބުނެފައިނުވާއިރު މިއީ ޝާހުގެ ސަޕޯޓަރުން ވަރަށް ބޮޑަށް ޝައުގުވެރިވި ޚަބަރަކަށް ވަނީ ވެފައެވެ. ޝާހު މި ދުވަސްކޮޅު އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ އަންހެން ދަރިފުޅު ސުހާނާ ޚާންގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމު "ކިންގް"ގެ މަސައްކަތްތަކަށެވެ.
ހަމައެއާއެކު ދޮށީ ދަރިފުޅު އާރްޔަން ޚާން ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމު އިންޑަސްޓްރީއާ ގުޅޭ ފުރަތަމަ ޕްރޮޖެކްޓް ވެސް ރިލީޒްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.