ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި ސައިފް އަލީ ޚާން 17 އަހަރު ފަހުން އެކީގައި ކުޅޭ ފުރަތަމަ ފިލްމަށް ސޮއިކޮށްފިއެވެ.
އަކްޝޭއާއި ސައިފް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2008 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތަޝަން"އިންނެވެ. ރިޕޯޓުތައް ބުނާގޮތުން ސައިފް އާއި އަކްޝޭ އެކީގައި ސޮއިކޮށްފައިވަނީ ޑައިރެކްޓަރު ޕްރިޔާދަރުޝަން ގެނެސްދޭ ތުރިލާ ފިލްމަކަށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާގޮތުން ޕްރިޔާދަރުޝަންގެ މި ފިލްމަކީ 2016 ވަނަ އަހަރު މަޅަޔާލަމް ބަހުން އޭނާ ގެނެސްދިން އެކްޝަން ތުރިލާ ފިލްމު "އޮއްޕަމް"ގެ ރިމޭކްއެކެވެ.
މި ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާގައި ބުނެފައިވަނީ އަކްޝޭއާއި ސައިފަކީ އަބަދު ވެސް ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށާއި އެކީގައި މަސައްކަތް ކުރުމަކީ ދެ އެކްޓަރުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމަށެވެ.

ސައިފް، ފިލްމު ޑައިރެކްޓަރު ޕްރިޔާ ދަރުޝަން އަދި އަކްޝޭ ކުމާރު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމުގެ ސްކްރިޕްޓް ކިޔުމަށް ފަހު ދެ އެކްޓަރުންނަށް ވެސް ޕްރިޔާދަރުޝަންގެ މި ރިމޭކް ވަރަށް ކަމުދިޔަ ކަމަށާއި މިއީ ދެ އެކްޓަރުން ވެސް ވަރަށް ބޮޑަށް ބޭނުންވި ފުރުސަތެއް ކަމަށް ބޮލީވުޑްހަންގާމާގައި ވަނީ ބުނެފައެވެ. މި ފިލްމުގެ މަސައްކަތް މި އަހަރުގެ އޮގަސްޓް މަހު ފެށުމުގެ މަޝްވަރާތައް ކުރެވެމުން އަންނަ ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރެވެ.
އަކްޝޭއާއި ސައިފްގެ ކެރިއަރުގެ މުހިއްމު ފިލްމުތަކުގެ ތެރޭ 1994 ވަނަ އަހަރުގެ ފިލްމު "މޭ ކިލާޅީ ތޫ އަނާޅީ"، "ޔޭ ދިއްލަގީ"، "ތޫ ޗޯރީ މޭ ސިޕާހީ" އަދި 1998 ވަނަ އަހަރު ކުޅުނު ފިލްމު "ކީމަތު" ހިމެނެއެވެ.