ދީޕިކާއަށް 'އެނިމަލް'ގެ ޑައިރެކްޓަރުގެ ފިލްމެއް

ތެލުގޫ ސިނަމާގެ އިތުރުން ހިންދީ ސިނަމާގައި ވެސް މިހާރު މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕްރިޓް"ގެ ބަތަލާގެ ރޯލަށް ދީޕިކާ ޕަދުކޯން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަންނަ އަހަރާ ހަމައަށް ދީޕިކާގެ ފިލްމީ ޝެޑިއުލް ފުލްވެފައިވީ ނަމަވެސް ފިލްމު "ސްޕިރިޓް"ގެ ރޯލަށް ބަތަލާ އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް ރަސްމީކޮށް ފިލްމަށް އަދި ސޮއިނުކުރާ ކަމަށް ބައެއް ފިލްމީ ޚަބަރުތައް ބުނެއެވެ.

އަންނަ އަހަރާ ހަމައަށް ބަތަލާ މަސައްކަތް ކުރުމަށް ނިންމާފައިވާ ފިލްމުތަކުގެ ތެރޭ ޝާހްރުކް ޚާން މުހިންމު ރޯލެއް ކުޅޭ ފިލްމު "ކިންގް" ވެސް ހިމެނެއެވެ. ރިޕޯޓުތައް ބުނާގޮތުން ދީޕިކާ "ކިންގް"ގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހެވެ.

ޕްރަބާސް އަދި ދީޕިކާ ފިލްމު "ކަލްކީ"ގެ މަންޒަރެއްގައި--ފޮޓޯ/މިސްމާލިނީ

ފިލްމު "އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕްގެ ފިލްމު "ސްޕިރިޓް"ގެ މަސައްކަތް އެންމެ ފުރަތަމަ ފަށަން ނިންމާފައިވަނީ 2024 ވަނަ އަހަރު ތެރޭގައެވެ.

ނަމަވެސް، އޭރު ދީޕިކާ މި ފިލްމަށް އެއްބަސްނުވީ ބަތަލާ އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެންނެވެ. މި ފިލްމަކީ ސަންދީޕުގެ ފިލްމީ ކެރިއަރުގައި ގެނެސްދޭ އެންމެ ޝައުގުވެރި ބަތަލާގެ ރޯލް ކަމަށާއި ބެލުންތެރިން މި ފަހަރު ވެސް ސަންދީޕްގެ ޖާދޫގައި ޖެހޭނެކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޫޝަން ކުމާރު ޕްރޮޑިއުސް ކުރާ "ސްޕިރިޓް"އިން ދީޕިކާއާ އެކު ލީޑް އެކްޓަރުގެ ރޯލުން ފެންނާނީ ސައުތު ސިނަމާގެ ކުޅަދާނަ އެކްޓަރު ޕްރަބާސްއެވެ. ޕްރަބާސްއާއި ދީޕިކާ ވަނީ ފިލްމު މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"ގައި އެކީގައި މަސައްކަތްކޮށްފައެވެ.

comment ކޮމެންޓް