ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އިންޑިއާގެ މަގުބޫލު އެކްޓަރު މަނޯޖް ބަޖްޕައީ "ގަވަރުނަރު"ގެ ނަމުގައި އުފައްދާ ޕޮލިޓިކަލް ޑްރާމާ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ ވިޕުލް އަމްރުތުލާލް ޝާހު އުފައްދާ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގްމޫންގައި ބުނެފައިވާ ގޮތުން ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ވިޕުލް ޝާހުގެ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ޗިންމޭ މަންޑެލްކަރެވެ.
މި އަހަރުގެ މެދު ތެރޭގައި މި ފިލްމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް ކުރެވެމުން އަންނައިރު ފިލްމުގައި މަނޯޖު ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ގަވަރުނަރެއްގައި، ކިބައިގައި ހުންނަންޖެހޭ ޚާއްސަ ސިފަތަކާއި އެ ޝަހުސިއްޔަތު ދަސްކުރުމުގެ ތަމްރީނުތަކެއް އެކްޓަރު ވަނީ ފަށާފައެވެ.

ކުރީގެ ބަތަލާ ޝަރުމިލާ ޓެގޯރު އަދި މަނޯޖު--ފޮޓޯ/މިޑްޑޭ
ނެޝަނަލް އެވޯޑު ހޯދާފައިވާ މަނޯޖް ފާހަގަކުރެވެނީ އަބަދުވެސް ވަރަށް ޗެލެންޖިން ރޯލް ކުޅުމަށް ޝައުގުވެރިކަން ހުންނަ އެކްޓަރެއްގެ ގޮތުގައެވެ.
އެމޭޒަން ޕްރައިމްއިން ގެނެސްދޭ އެންމެ ކާމިޔާބު ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ ލީޑް އެކްޓަރު އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޒީ5އިން ރިލީޒްކުރި ކްރައިމް ޑްރާމާ "ޑިސްޕެޗް"އިންނެވެ.
މަނޯޖުގެ މި ފަހުން ރިލީޒްވި ފިލްމުތަކުގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެތެރޭ "ގޫލްމޯހަރު"، "ސިރްފް އޭކް ބަންދާ ކާފީ ހޭ" އަދި "ބައްޔާޖީ" ހިމެނެއެވެ.
މި ފިލްމުތަކުގެ ތެރެއިން 2023ވަނަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ރިލީޒްކުރި ފިލްމު "ގުލްމޯހަރު"ގައި މަނޯޖު ކުޅުނު ރޯލަށް ވަނީ ޤައުމީ އެވޯޑު ލިބިފައެވެ.