ހާބަރު ފުޑްކޯޓުތައް ހުސްކުރުން: އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ވިޔަފާރިވެރިންގެ ކަންބޮޑުވުން މޭޔަރަށް

ހާބަރު ފުޑްކޯޓް: ހާބަރު ފުޑްކޯޓުތައް ހުސްކުރަން ޖެހުމުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ވިޔަފާރިވެރިންގެ ކަންބޮޑުވުން ވަނީ ހުށަހަޅައިފައި -- ސަން ފޮޓޯ

މާލޭ ހުޅަނގުފަރާތު ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންގުމާ ގުޅިގެން، އެ ތަންތަން ހިންގާ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާ ބައްދަލުކޮށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު މެންދުރު މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

އެސްޓީއޯއިން ފުޑްކޯޓުތައް ހިންގާ ފަރާތްތަކަށް 90 ދުވަހުގެ ނޯޓިސްއެއް ދީ، ޔުނިޓުތައް ހުސްކުރަން އެންގީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް ބުނެއެވެ.

މޭޔަރު އާޒިމް ސިޓީ ކައުންސިލް ބައްދަލުވުމެއްގައި --- ފޮޓޯ; މާލެ ސިޓީ ކައުންސިލް

ނަމަވެސް، ކުއްލިއަކަށް ތަން ހުސްކުރަން އެންގުމުގެ ސަބަބުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ވިޔަފާރިތަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ވިޔަފާރިވެރިން ހުށަހެޅި ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންވެ، ފުޑްކޯޓުތައް ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކަށް ބޮޑު ގެއްލުމެއް ނުލިބޭނެ ފަދަ އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވުމަށް ވިޔަފާރިވެރިން ވަނީ އެދިފައެވެ.

https://www.sun.mv/227640

މި ބައްދަލުވުމާ ގުޅޭގޮތުން މޭޔަރު ޢާޒިމް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ މި ވިޔަފާރިތަކުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ވަރަށް ގާތުން ބަލައި އިހުސާސްކުރާ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ގެއްލުން ކުޑަވާނެ ގޮތަކަށް، މިކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވާފައެވެ.

އެސްޓީއޯއިން ޔުނިޓުތައް ހިންގާ ފަރާތްތަކަށް ބުރާސްފަތި ދުވަހު ފޮނުވި ލިޔުމުގައި ބަޔާންކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭތާ 90 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

ޔުނިޓުތައް ހަވާލުކުރުމުން 2022 އޮކްޓޫބަރު 15 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށާއި، ދައްކަންޖެހޭ ފައިސާއެއް ވާނަމަ އެކަމުގެ ތަފުސީލު މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

ހާބަރު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ފުޑްކޯޓެއް: ފޮޓޯ: ހައުސިން މިނިސްޓްރީ ޓްވިޓާ

މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދަކީ ގިނަ އަދަދެއްގެ ކެފޭ، ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އެއްފުރާޅެއްގެ ދަށުން ލިބޭގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ސަރަހައްދެކެވެ.

ހައުސިން މިނިސްޓްރީގެ މާސްޓަ ޕްލޭނުގެ ދަށުން 2016 ވަނަ އަހަރު 32 މިލިއަން ރުފިޔާ ހޭދަކޮށްގެން އެސްޓީއޯއިން ތަރައްގީކުރި މި ސަރަހައްދުގައި ޚިދުމަތް ދޭން ފަށާފައިވަނީ މޭ 2018 ގައެވެ. އަދި ރަސްމީކޮށް މި ސަރަހައްދު އިފްތިތާހުކުރީ 23 ޖުލައި 2018 ގައެވެ.

މި ސަރަހައްދު ވަކިވަކި ބްލޮކްތަކަކަށް ބަހާލައިގެން ތަރައްގީކޮށްފައިވާއިރު، އާންމުންނަށް ބޭނުންވާ ފާޚާނާއާއި އަތްދޮންނަ އިސްކުރުބަރި ފަދަ ވަސީލަތްތަކުގެ އިތުރުން ހާމަފެންޑާއާއި އެއާކޮންޑިޝަން ކޮށްފައިވާ ބައިތަކާއި، ކުދި ވިޔަފާރިތަކަށް ޚާއްސަ ޔުނިޓުތައް ވެސް މި ސަރަހައްދުގައި ހިމެނެއެވެ.

comment ކޮމެންޓް