އެމެރިކާގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ބާކްޝަޔާ ހެތަވޭގެ ޗެއާމަންގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން ހުންނެވި ވޮރެން ބަފެޓް، އެ މަގާމުން ދުރުވުމުން، އެ ކުންފުނީގެ "ޗެއާމަން އެމެރިޓަސް" ގެ މަގާމަށް އައްޔަންކޮށްފިއެވެ.
ޗެއާމަން އެމެރިޓަސްގެ މަގާމަކީ ކުންފުނީގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުން އެކަހެރިވެވަޑައިގަތް ނަމަވެސް، ޝަރަފުވެރި ހައިސިއްޔަތަކުން ކުންފުންޏާ ގުޅިފައި ހުންނެވުމަށް ދެވޭ މަގާމެކެވެ.
މި ބަދަލާއެކު، ކުންފުނީގެ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާތައް ދެން އަދާކުރައްވާނީ ކުންފުނީގެ އާ ޗެއާމަންގެ ގޮތުގައި ޢައްޔަންކޮށްފައިވާ ބަފެޓްގެ ދަރިކަލުން ހޮވާޑް ބަފެޓެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އުމުރުން 96 އަހަރުގެ ބަފެޓަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް އިންވެސްޓަރުގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެކެވެ. އޭނާ ބާކްޝަޔާ ހެތަވޭގެ އިސްވެރިޔާގެ ގޮތުގައި ހުންނަވާތާ އެތައް ދަހަރެއް ވެފައިވާއިރު، ކުންފުނީގެ ހިންގުން އާ ލީޑާޝިޕަކާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ.
ބަފެޓް ބާކްޝަޔާ ހެތަވޭއާ ގުޅިވަޑައިގަތީ 1965 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުންފުނި އާދައިގެ ޓެކްސްޓައިލް ކުންފުންޏަކުން ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންގްލޮމަރޭޓަށް ބަދަލުކޮށްފައެވެ. ބާކްޝަޔާ ހެތަވޭއަކީ އިންޝުއަރެންސާއި، ހަކަތައާއި، ދަތުރުފަތުރުގެ އިތުރުން ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ގިނަ އިންވެސްޓްމަންޓްތަކެއް ގެންގުޅޭ ކުންފުންޏެކެވެ. ބަފެޓްގެ ލީޑާޝިޕްގެ ދަށުން އެ ކުންފުނި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ލިސްޓުން ޖާގަ ހޯދާފައެވެ.
ބަފެޓަށް ފަހު ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ގްރެގް އޭބަލް ކަމަށް މީގެ ކުރިން ބާކްޝަޔާ ހެތަވޭއިން ވަނީ ހާމަކޮށްފައެވެ.