އަންނަ ހަފުތާގެ ނިޔަލަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށް ގައުމީ ބޭންކު ބީއެމްއެލުން ލަފާކޮށްފިއެވެ.
ބީއެމްއެލުން ބުނީ، އެ ބޭންކު މެދުވެރިކޮށް ރުފިޔާ އެކައުންޓުތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށެވެ.
އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް އެވަރެޖުކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާ ކަމަށާއި އެ މަހުގެ ނިޔަލަށް މި އަހަރު 653 މިލިއަން ޑޮލަރު ވިއްކައިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 33 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާނަމަ، ބީއެމްއެލުން ލަފާކުރާ ގޮތުގައި މި އަހަރު ނިމެންވާއިރަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ.
އެއާއެކު ބީއެމްއެލުން ހާމަކުރި ބައެއް ތަފާސްހިސާބުތަކުގައިވާ ގޮތުން އެ ބޭންކުގެ ޑެބިޓު ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ މުއާމަލާތްތަކަށް މަހަކު 38 މިލިއަން ޑޮލަރު ވިއްކައިފައިވެއެވެ.
އަދި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)ތަކަށް މަހަކު 27 މިލިއަން ޑޮލަރު ވިއްކައިފައިވާ ކަމަށާއި، ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހީންނަށް މަހަކު 9.4 މިލިއަން ޑޮލަރު ވިއްކައިފައިވާ ކަމަށާއި، ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް މަހަކު 7.3 މިލިއަން ޑޮލަރު ވިއްކައިފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ.
ނަމަވެސް ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު މިއީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވަނީ ސެޕްޓެންބަރު މަހު ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. ބީއެމްއެލުން ބުނީ އެ ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ.
އެކަމަކު ބޭންކަށް ޑޮލަރު ލިބޭ މިންވަރު ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު ހިފެހެއްޓުމަށް އެހީތެރިވެދީފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
އެހެންކަމުން މި ފެށޭ ހަފުތާ ނިމުމުގެ ކުރިން ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް ބީއެމްއެލުން ލަފާކުރެއެވެ.
އެކަމާ ގުޅޭ މައުލޫމާތު ބޭންކުގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.