ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދިވެހި ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް (ޓީބިލް) ފެސިލިޓީގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ދެއްކި، ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، މިކަމާ ގުޅުވައިގެން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބީއެމްއެލް އިން މިއަދު ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ ސަރުކާރުން މި ދަރަނި އަދާކުރުމަށް އެ ބޭންކުން ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށާއި، އޭގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި ސަރުކާރުން ދަރަނި އަދާކުރުމާއި ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިން އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ބޭންކުން ވަނީ ސާފުކޮށްދީފައެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ވެސް ކަށަވަރުކޮށްދީފައިވާ ގޮތުގައި، 17 ސެޕްޓެމްބަރު 2024 ގައި އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ހަމަޖެއްސި ފައިސާއެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީ އެއްކޮށް ޚަލާސްކުރުމަށް ދެއްކި ފައިސާއެވެ. މި ފައިސާ ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި އެ ބޭންކަކީ މާލީގޮތުން ވަރުގަދަ، ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، ހަރުދަނާ ގަވަނަންސް އަދި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ ބޭންކެކެވެ. ބޭންކުގެ ލިކުއިޑިޓީ، ކެޕިޓަލް އަދި މާލީ ހާލަތު މެނޭޖްމަންޓާއި ބޯޑުން މެދުނުކެނޑި މޮނިޓަރު ކުރަމުންދާއިރު، ސަރުކާރުގެ މުއާމަލާތުގެ ސަބަބުން ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތަކަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ.
މާލީ ނިޒާމާ ގުޅޭގޮތުން ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަކީ ކަސްޓަމަރުންނާއި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ރާއްޖޭގެ އިގްތިސާދަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެހެންކަމުން، ބޭންކުގެ މާލީ ހާލަތާ ގުޅޭ ވާހަކަތައް ދެއްކެވުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް، ޚާއްސަކޮށް ސިޔާސީ ބޭފުޅުންނާއި މީޑިއާތަކަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ބޭންކުގެ އަގުވައްޓާލުމަށް ނުވަތަ ގެއްލުންވާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ބޭންކަށް ލިބިގެންވާ ކަމަށާއި، ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ކަސްޓަމަރުންނާއި ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ކަމަށް ބީއެމްއެލް އިން ވަނީ ހާމަކޮށްފައެވެ.