މާލެ ސްކޭޓް ޕާކާ ދިމާ ތޮށިގަނޑު، ހިލަގާތަކު ތެރޭގައި ތާށިވި މީހާއަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިޔުމުން އޭނާ އަމިއްލައަށް އެދިގެން ފަރުވާ މެދުކަނޑައިލި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހެވެ.
ފުލުހުން ބުނި ގޮތުގައި މާލެ ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަގާތަކު ތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެ ދުވަހުގެ ހަވީރު 17:16 އެހާކަންހާއިރެވެ. އަދި އެމީހާ ސަލާމަތްކޮށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ އެ ދުވަހުގެ ހަވީރެވެ.
އެ މައްސަލައާ ގުޅިގެން 'ސަން' އަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިމަޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް، ފަރުވާ މެދުކަނޑާލުމަށްފަހު ޕޭޝަންޓް އަމިއްލައަށް ދިޔައީ ކަމަށެވެ.
މި ހާދިސާގައި ގާތަކު ތެރޭގައި ތާށިވި މީހަކީ 50 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.