ޗައިނާގެ ހެބޭ ޕްރޮވިންސްގައި ކުރިއަށްދިޔަ "ސެމިނާ އޮން ލޯ އެންފޯސްމަންޓް އެންޑް ކައުންޓާ-ޓެރަރިޒަމް" ގައި ދިވެހި ފުލުހުންގެ 25 އޮފިސަރަކު ބައިވެރިވެއްޖެއެވެ.
ޗައިނާ ޕީޕަލްސް ޕޮލިސް ޔުނިވާސިޓީ (ސީޕީޕީޔޫ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ސެމިނާ އޮތީ މި މަހުގެ 4 އިން މިދިޔަ ބުރާސްފަތި ދުވަހަށެވެ.
ދިވެހި ފުލުހުން ބުނި ގޮތުގައި، މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކުރުމާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އިންޓެލިޖެންސަށް ބިނާކޮށް ފުލުހުންގެ ހިދުމަތް ދިނުން ހަރުދަނާކުރުމެވެ. މިގޮތުން، ނުރައްކާތައް ދުރާލާ ދެނެގަތުމާއި، ރިސްކު ވަޒަންކުރުމާއި، އަވަސް ފިޔަވަޅުތައް އެޅުމުގެ އިތުރުން، ހާދިސާތައް ހިނގާ ސަރަހައްދު ކޮންޓްރޯލްކުރުމުގެ އަމަލީ ތަމްރީނުތައް އޮފިސަރުންނަށް ވަނީ ދީފައެވެ.
ޗައިނާގެ ތަމްރީނަށް ދިޔަ ދިވެހި ފުލުހުން ގުރޫޕް ފޮޓޯއަކަށް ހުއްޓި-- ފޮޓޯ: ފުލުހުންމީގެ އިތުރުން، ބޮޑެތި ހަރަކާތްތަކާއި އާންމު އެއްވުންތަކުގައި ސެކިއުރިޓީ ބަލަހައްޓާނެ ގޮތުގެ އުކުޅުތައް ވެސް މި ސެމިނާގެ މުގައްރަރުގައި ހިމަނާފައިވެއެވެ.
މި ޑެލިގޭޝަންގައި އިސްކޮށް ހަރަކާތްތެރިވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ރަޝްވާން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި ޓީމުގައި އެއް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއާއި، ފަސް ޗީފް އިންސްޕެކްޓަރުންގެ އިތުރުން 18 އިންސްޕެކްޓާ އޮފް ޕޮލިސް ހިމެނެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ދެނެގަނެ، އެކަންކަމަށް އިޖާބަދިނުމުގައި ގައުމުތަކުގެ ފުލުހުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް މި ސެމިނާގައި އަލިއަޅުވާލާފައިވެއެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން ދިވެހި ފުލުހުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުވެ، ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެކަމަށް ފުލުހުން ފާހަގަކުރެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހި ފުލުހުންނަށް ހިންގާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މިފަދަ ފުރުސަތުތަކުގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ ފުލުހުންގެ ފައުޖެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.