މީގެ 14 އަހަރު ކުރިން ކ. ކާށިދޫގައި މަރާލި ސާޖަންޓް އާދަމް ހަލީމްގެ އާއިލާއާ ޕޮލިސް ކޮމިޝަނަރު އަޙުމަދު މުޙައްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ކާށިދޫއަށް ކުރެއްވި ޒިޔާރަތުގައި ސީޕީ ވަނީ އާދަމް ޙަލީމްގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި ވަގުތު ހޭދަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ސީޕީ ވަނީ، ސާޖަންޓް އާދަމް ހަލީމް ގައުމީ ވާޖިބުގައި ފުރާނައިން ގުރުބާންވިތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، އޭނާގެ ގައުމީ ޚިދުމަތުގެ ޒިކުރާއަކީ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.
އާދަމް ހަލީމްގެ މަންމައާއި ބައްޕައާ ސީޕީ ބައްދަލުކުރައްވަނީ --- ފޮޓޯ/ ފުލުހުންދުވަސްތައް ފާއިތުވެ ދިޔަކަމުގައި ވިޔަސް، ގައުމީ ޚިދުމަތުގައި ފުރާނަ ދޫކޮށްލި ފަޚުރުވެރި އޮފިސަރުންގެ މަތިން ހަނދާންކުރުމާއި އެ އޮފިސަރުންގެ އާއިލާތަކާ އޮންނަ ގާތް ގުޅުން ދެމެހެއްޓުމަކީ މުއައްސަސާއިން ޚާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
ސާޖަންޓް އާދަމް ޙަލީމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ހަތް އަހަރާއި ފަސް މަހާއި 27 ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރ. އަތޮޅާއި، ބ. އަތޮޅު އަދި ކ. އަތޮޅުގައި އާދަމް ޙަލީމް ވަނީ ޚިދުމަތް ކުރައްވާފައެވެ.
އާދަމް ހަލީމްގެ އަންހެނުންނާއި ދަރިފުޅާ ސީޕީ ބައްދަލުކުރައްވަނީ ---- ފޮޓޯ/ ފުލުހުންކާށިދޫގައި މަސައްކަތުގައި އުޅެނިކޮށް، ގޭބަންދުގެ އަމުރާ ޚިލާފުވި މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ވަޅިއަކުން ދިން ހަމަލާއެއްގައި އާދަމް ޙަލީމް މަރާލައިފައިވަނީ ޖުލައި 23 2012ގައެވެ.
އާދަމް ހަލީމް މަރާލި ކަމަށް ކާށިދޫ ސުވާސާގެ, މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ މައްސަލައި މިދިޔަ އޭޕްރީލް މަހު އަލުން ބަލައި ވަނީ، ސަމާހުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.