މި ވަގުތު މައްކާގައި ތިބި ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށާއި، އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވިއިރު ސައުދީ އަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ކުރިމަތިވެދާނެ ކުއްލި ނުރައްކަލަކަށް ސަމާލުވުމަށް އެ ގައުމުގެ ސިވިލް ޑިފެންސުން ވަނީ އިންޒާރު ދީފައެވެ. "ނޭޝަނަލް އާލީ ވޯނިން ޕްލެޓްފޯމް" މެދުވެރިކޮށް މިއަދު މި އިންޒާރު ނެރެފައި ވަނީ ޖިއްދާ، މައްކާ އަދި ތާއިފްގެ އިތުރުން ޔަންބޫއާއި އަލްއުލާ ހިމެނޭ ގޮތަށެވެ.
މައްކާއަކީ ހަރަމްފުޅު ވެސް ހުންނަ ބިމަށްވާއިރު އަޅުކަމަށް ގިނަ އަދަދެއްގެ ބަޔަކު އަބަދުވެސް އެ ސިޓީގައި އުޅެއެވެ. މިއީ ސްކޫލު ބަންދު ދުވަސްތަކެއްކަމުން ގިނަ އަދަދެއްގެ ދިވެހީން ވެސް ދަނީ އުމްރާގެ އަޅުކަމަށް މައްކާއަށް ދަތުރު ކުރަމުންނެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ މިވަގުތު މައްކާގައި ތިބި އެންމެހާ ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ސިވިލް ޑިފެންސުން އާންމުކުރި ރައްކާތެރިކަމުގެ އިރުޝާދުތަކުގައި ބުނެފައިވަނީ، އާންމުން ހާސްނުވެ، ވީހާވެސް އަވަހަކަށް ރައްކާތެރި އިމާރާތްތަކަށް ވަނުމަށެވެ. އަދި ހުޅުވިފައިވާ ސަރަހައްދުތަކާއި، ކުޑަދޮރުތަކާއި، ބެލްކަނީތަކުގެ އިތުރުން އިމާރާތްތަކުގެ ފުރާޅުމައްޗަށް ނޭރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، އިންޒާރުގެ މެސެޖު ލިބޭ ވަގުތު މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކުން، ބްރިޖުތަކާއި އުސް އިމާރާތްތަކާ ދުރުގައި އުޅަނދުތައް މަޑުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ. އަދި މައްކާ ފަދަ ސަރަހައްދުތަކުގައި ނުރައްކާތެރި ހާލަތެއް ދިމާވެއްޖެނަމަ 911 އަށް ގުޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.
މި އިންޒާރުތައް ނެރެފައިވަނީ ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ހޫތީ ޖަމާއަތާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.