ކީރިތި ޤުރްއާނާއި ބެހޭ ވަގުފް އިމާރާތް 'ދާރުއްނޫރު' މަޝްރޫޢު މިއަދު އިފްތިތާޙްކޮށްފިއެވެ.
މި މަޝްރޫޢު އިފްތިތާޙްކޮށް ޢިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއު ހިންގާ އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މި އިމާރާތުން ލިބޭ ނަފާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށެވެ. މިއީ ވަޤްފުގެ ދާއިރާ ފުޅާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބިނާކުރުމަށް ހަމަޖެހިފައިވާ އިމާރާތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ކީރިތި ގުރުއާނާ ބެހޭ ވަގުފް އިމާރާތުގެ ކުރެހުމެއް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީފަނަރަ ބުރީގެ މި އިމާރާތުގައި އޮފީސް ބަޔާއި ކޮމާޝިއަލް އޭރިއާތަކާއި ހޯލަކާއި މީޓިން ރޫމްތަކާއި ލައިބްރަރީގެ އިތުރުން ރެސްޓޯރެންޓު ފަދަ ތަންތަން ހިމެނެއެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ މުޅި އިމާރާތުން ނަފާ ލިބޭނެ ގޮތަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ. އަދި، މި އިމާރާތުގެ ޢަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މި މަޝްރޫޢުގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު ދެ ވަޤްފު ޢިމާރާތެއްގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެއީ ދާރުލްއަރްޤަމްއާއި ދާރުއްސަލާމް ވަޤްފު މަޝްރޫޢުއެވެ. މި މަޝްރޫއުތައް ނިމުމުން ދަޢުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ، އިސްލާމީ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދާ ވަރަށް ވުޒާރާއަށް ނަފާ ލިބޭނެކަމަށް މިނިސްޓްރީން ލަފާކުރެއެވެ.