އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އަސްކޮއި ގްރޫޕުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައަކީ އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ ހިންގި މުއާމަލާތްތަކަކާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ކަމަށެވެ.
މި އަހަރުގެ ޖުލައި 16 ވަނަ ދުވަހު ރަސްމީކޮށް ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމައި، މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ބުދަ ދުވަހުގައެވެ.
ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިއުމަށް ޖުމްލަ 109 މީހަކު ފައިސާ ދެއްކިއެވެ. އަދި އެ މީހުން ދެއްކި ފައިސާއަށް ކުންފުނިން ޚިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
https://x.com/PoliceMv/status/2124455011287789973
މިގޮތުން ޚިޔާނާތްތެރިވި ފައިސާގެ ޖުމްލަ އަދަދު 2,660,300 (ދެ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ) ރުފިޔާއަށް އަރައެވެ.
އަސްކޮއި ގްރޫޕުން އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު ފުރޭ ގޮތް ނުވެ، އެތައް ބަޔަކަށް ލަނޑު ލިބުނު މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.
އެ މައްސަލަ ބެލުމަށްފަހު، އެ ކުންފުނި 130,000 ރުފިޔާއިން ޖޫރިމަނާކޮށް، އުމްރާއަށް މީހުން ގެންދިއުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި ފިޔަވަޅު އެޅުމަށް މިދިޔަ އަހަރުގެ ޖުލައި 31 ގައި އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން، އުމްރާއަށް ގެންދާނެ ކަމަށް ބުނެ އެ ކުންފުނިން ލަނޑުދިން ގދ. ތިނަދޫގެ ހަ މީހުންގެ އާއިލާއަކަށް ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ވެސް މިއަހަރުގެ ފެބުރުއަރީ މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގައި އަސްކޮއި ޓްރެވަލްއާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދުގެ މައްޗަށް ދައުވާކުރުމުން، ދެ އަހަރު ދުވަހުގެ ތެރޭގައި މަހަކު ގާތްގަނޑަކަށް 6,500 ރުފިޔާގެ މަގުން ޖުމްލަ 155,700 ރުފިޔާ ދައްކައި ހަލާސްކުރުމަށް ވަނީ ހުކުމްކޮށްފައެވެ.