އިމާމުންނަށް ޚާއްސަ ޑްރެސް ކޯޑެއް ފަރުމާކުރަން ނިންމައިފި

އިމާމު ކަމުގެ ސަނަދު ހާސިލުކުރި ޒުވާން ޚަތީބުންނާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިމާމުންނަށް ޚާއްސަ ޑްރެސް ކޯޑެއް ފަރުމާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވައި މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ކުރައްވާ ބޭފުޅުންނާއި، އާންމުކޮށް އިމާމުކަމުގެ ވަޒީފާގައި އުޅުއްވާ ބޭފުޅުން ނަމާދު ކުރާ ގަޑީގައި ތުރުކުރައްވާނެ ޑްރެސް ކޯޑެއް ފަރުމާކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި މި ޑްރެސް ކޯޑު ފަރުމާކުރަން ނިންމީ ތާކިހާ ވެސް ހިމަނައިގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އެފަދައިން ވިދާޅުވިއިރު ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅުވައިގެން ކުރިއަށްގެންދާ ޒުވާން ޚަތީބުންގެ މަހާސިންތާ 300 އަށްވުރެ ގިނަ ޚަތީބުންނާއެކު އިއްޔެ ވަނީ ފަށައިފައެވެ.

https://sun.mv/227394

މި މަހާސިންތާގައި މިނިސްޓަރު ޝަހީމު ވިދާޅުވީ، މި ޖީލުގެ ތެރެއިން އުފެދޭ ޒުވާން އިމާމުންނަކީ، ކުރީގެ އިމާމުންނަށް ވުރެ އިލްމީ ގޮތުން މޮޅު ބަޔަކަށް ވާނެ ކަމަށެވެ. ޒުވާން ޚަތީބުންނާ މުޚާތަބުކުރައްވައި މިނިސްޓަރު ވަނީ، ހިތްވަރާއި އަޒުމާއެކީ ކުރިއަށް ގޮސް، ބޭނުން ދާއިރާކުން ކިޔެވުމަށް ހިތްވަރު ދެއްވާފައެވެ. އެކަމަކު، މުޅި ހަޔާތުގައި އިމާމުކަން ކުރުމަށް މިނިސްޓަރު ޚަތީބުންނަށް ގޮވާލެއްވިއެވެ.

ޚަތީބުންގެ ޒުވާން ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަތީބުން ވަނީ ތަމްރީނުކޮށްފައެވެ.

ހަމައެއާއެކު މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ޙާފިޒުން ވެސް އުފެދިފައިވަނީ މި ދުވަސްވަރު ކަމަށާއި، މިހާރު ރާއްޖޭގައި 322 ޙާފިޒުން އެބަތިބި ކަމަށް ވިދާޅުވެފައެވެ. އަދި މި ދައުރުގެ ތެރޭގައި އެ އަދަދު 500 އަށް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް