ތިނަދޫ ސިޓީގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅުމަށް ހަދާފައިވާ ތަނެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ފަތިހު 4:11 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މީހާ ފެނުމާއެކު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
މި މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހިމެނޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.