ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން ވަގަށް ނަގަން އުޅުނު މައްސަލައެއްގައި 3 ދިވެހީން ހައްޔަރުކޮށްފި

މާލޭގައި ސައިކަލުތަކެއް ޕާކްކޮށްފައި: ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން ވަގަށް ނަގަން އުޅުނު މައްސަލައެއްގައި ތިން ދިވެހީން ހައްޔަރުކޮށްފައިވޭ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މާލޭގައި ސައިކަލެއްގެ ނަމްބަރު ބޯޑު ބަދަލުކޮށްގެން ވަގަށް ނަގަން އުޅުނު މައްސަލައެއްގައި ތިން ދިވެހީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ފަތިހު 03:55 ހާއިރު، މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް، ކާނޭޝަން މަގު ގޯޅިގަނޑެއްގެ ތެރޭގައި ސައިކަލެއް ކައިރީ ތިން މީހަކު ހަރަކާތްތެރިވަމުންދާތަން ފެނިގެން އެ ސަރަހައްދަށް ގޮސް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެ ވަގުތު އޭގެ ތެރެއިން އެކަކު ސައިކަލަށް އަރައިގެން ކާނޭޝަން މަގަށް ނެރެން އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވައި ސުވާލުކުރުމުން، އެ ސައިކަލަކީ އޭނާގެ ދައްތަގެ ފިރިމީހާގެ ސައިކަލެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

އެ ވަގުތު ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑުގެ މައުލޫމާތު، އޭނާ ދެއްކި ވާހަކައާ ދިމާވި ނަމަވެސް، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ތުހުމަތުކުރެވިގެން ފުލުހުން، ސައިކަލުގެ އިންޖީނު ނަންބަރު ޗެކްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިންޖީނު ނަންބަރު ދިމާނުވުމުން ފުލުހުންގެ ކޮމާންޑް ސެންޓަރު މެދުވެރިކޮށް ބެލިބެލުމުން، އެ ސައިކަލުގެ އަސްލު ރަޖިސްޓްރީ ނަންބަރަކީ އެހެން ނަންބަރެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އޭގެ އިތުރުން، އެ ގޯޅިގަނޑު ތެރޭގައި ސައިކަލު ޕާކުކޮށްފައި ހުރި ސަރަހައްދު ފުލުހުން އިތުރަށް ބަލައިފާސްކުރިއިރު، އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް ސައިކަލުގެ އަސްލު ނަންބަރު ބޯޑު އެއްލާލާފައި އޮއްވާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެއީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ސައިކަލު ޓޯކޮށް، ސައިކަލު ވަގަށް ނެގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަޅުދަނޑިއާއި، ފެނުނު އަސްލު ނަންބަރު ބޯޑު ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ވަރަށް ގިނައިރު، އޭގެ ތެރޭގައި އުޅަނދުތައް ފަދަ އަގުބޮޑު މުދާ ވަގަށް ނެގުމުގެ މައްސަލަތައް ވެސް ގިނައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރު ހުށަހަޅައިފައިވާ 9,912 މައްސަލައިގެ ތެރޭގައި ވައްކަމުގެ 2,753 ރިޕޯޓް ހިމެނެއެވެ.

comment ކޮމެންޓް