ރާއްޖޭގައި ބަޑިއެއް ގެންގުޅޭ ވީޑިއޯއެއްގެ މައްސަލަ ބަލައި، ކުޅޭކުޅޭ ބަޑިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް

ފުލުހެއް މަގުމަތީގައި: ރާއްޖޭގައި ބަޑިއެއް ގެންގުޅޭ ވީޑިއޯއެއްގެ މައްސަލަ ބަލައި، ކުޅޭކުޅޭ ބަޑިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް -- ފޮޓޯ/ ފުލުހުން

ރާއްޖޭގައި ބަޑިއެއް ގެންގުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން އެ މައްސަލަ ބަލައި، އެ ވީޑިއޯގައި ބޭނުންކުރީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކޮށް، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ، ބަޔަކު ބަޑިއެއެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެ ތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެ ކަމާ ގުޅިގެން އިތުރަށް ބެލިބެލުމުން، މި ވީޑިއޯއަކީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއްގެ ވީޑިއޯއެއްކަން ވަނީ ދެނެގަނެވިފައިކަން ފުލުހުން ހާމަކުރިއެވެ.

އެ މައްސަލައާ ގުޅިގެން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައި ކަމަށް ފުލުހުން ބުންޏެވެވެ. އެ ވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވުމުން، އެ ކާރު ކުއްޔަށް ނެގި މީހާ ފުލުހުންގެ އިދާރާއަށް ހާޒިރުރުކުރި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އިތުރަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ކަށަވަރުކުރެވިފައެވެ. އަދި އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް ކަމާ ގުޅުން ހުރި މީހާ ވަނީ ބުނެފައި ކަމަށް ފުލުހުން ހާމަކުރިއެވެ.

އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި، އެކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް