ފެންނަން ހުރި ކޮންމެ އެއްޗެއް އުފެއްދި ފަރާތެއް ވާކަމަށް ޤަބޫލުކުރަން އުނދަގުލެއް ނޫނެވެ. އަދި ކިޔެއް، ފަރާތެއް ނެތި އުފެދުން ޤަބޫލުކުރަން އުނދަގުލެވެ. އެހެން ވީމާ ކަލާނގެ އެއް ވާކަމަށް ޤަބޫލުކުރާ ދީންތަކުގެ އަހުލުވެރިންނަށް އަމާޒުކޮށް ކުރެވޭ އެއް ސުވާލަކީ "ކަލާނގެ އުފެއްދީ ކާކުތޯ؟" ކުރެވޭ ސުވާލެވެ.
އޭގެ ޒާތުގައި މި ސުވާލަކީ މުހިންމު ސުވާލެއް ނޫން ކަމުގައި ދެކޭ ބަޔަކާއި މި ސުވާލަކުރުން މުހިންމު ކަމުގައި ދެކޭބަޔަކު ވެސް އުޅެއެވެ. މި ސުވާލަށް ޖަވާބު ހޯދަން ބޭނުންވެފައި ތިބޭ މީހުން މުސްލިމުންތެރޭގައި ވެސް މިއަދު އަންނަނީ ގިނަވަމުންނެވެ، ޚާއްޞަކޮށް ޒުވާނުންގެތެރޭގައެވެ.
މުސްލިމުންގެ ސިކުނޑިތަކުގައި ޒުވާންކަމުގެ ޖޯޝުހިނގާ ޒަމާން އައުމުން އެ ކުދިންގެ އެދުންތަކާ ވެދުންތައް ޒަމާނީ އޮއިވަރުގައި ޖެހި ހާވިޔާވާން ފަށަނީ އަޅުގަނޑުމެންގެ ތެރޭ އިސްލާމީ ތަރުބިއްޔަތާއި ދީންވެރި ޚިޔާލާތުގެ މާހައުލުތައް މަދުވީމައެވެ. ގޯތިގެދޮރާއި ސްކޫލްމަދަރުސާތަކާއި ބާޒާރުމަރުކަޒުތަކާއި ހިނގާންއޮތް މަގުމަގާއި މަޑުކުރާ ޕާކުތަކާއި ރޭޑިއޯޓީވީއާއި މުޅި މީސްމީޑިއާގައި ވެސް އިސްލާމީ ދިރިއުޅުމަށް ބާރުއަޅާ މިންވަރު ވަރަށް މަދޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މިއާ ޚިލާފަށް ސަމާވީ ދީންތަކާ އިދިކޮޅަށް ކުރެވޭ ފިކުރީ ހަނގުރާމަ ހިފެހެއްޓުމެއް ނެތި އެންމެ ގަދަޔަށް އަމާޒު ކުރެވެނީ އިސްލާމީ މުޖުތަޢުތަކަށެވެ.
އިސްލާމްދީނަށް ނިސްބަތްވާ ޒުވާނުންގެ ހިތްތަކުގައި މުދާވެރިކަމުގެ ލޯބި އުފެދި މާއްދިއްޔަތުގެ އަޅުންފަދައިން ދިރިއުޅުން ހަމަޖެހެމުން އައުމަކީ އުޚުރަވީ ޙަޔާތާމެދު ވިސްނަން އެ ކުދިންނަށް އުނދަގޫވާ ސަބަބެކެވެ. ދީނުގެފަރާތުން ނަސޭހަތެއް ދޭ ކޮންމެ ފަހަރަކު އެ ކަން ޤަބޫލުނުކުރާން ވެގެން ވަރަށް ގިނަ ބަހަނާ ދައްކައި ސުވާލު ގިނަކުރެއެވެ. އެ ގޮތަށް ކުރާ ވަރަށް ގިނަ ސުވާލުތަކުގެ ނިމުން ގޮސް ހުއްޓޭ ހިސާބަކީ އިލާހު އުފެއްދި ފަރާތަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ.
މި ސުވާލަކީ އިބިލީސް އިންސާނާއަށް ކުރިމަތިކުރުވާ ސުވާލެކެވެ. އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «يَأْتِي الشَّيْطَانُ أَحَدَكُمْ فَيَقُولُ مَنْ خَلَقَ كَذَا مَنْ خَلَقَ كَذَا حَتَّى يَقُولَ مَنْ خَلَقَ رَبَّكَ فَإِذَا بَلَغَهُ فَلْيَسْتَعِذْ بِاللَّهِ، وَلْيَنْتَهِ» މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގާތަށް ޝައިޠާނާ އައިސް ބުނާނެއެވެ. އެވެނި އެއްޗެއް އުފެއްދީ ކާކުހެއްޔެވެ؟ މިވެނި އެއްޗެއް އުފެއްދީ ކާކުހެއްޔެވެ؟ މިހެން އަހުވަމުންއަހުވަމުން ގޮސް ތިބާގެ ރައްބު އުފެއްދީ ކާކުތޯ ސުވާލުކުރުވާނެއެވެ؟ އެ ހިސާބަށް އޭނާގެ ޚިޔާލު ފޯރައިފިއްޔާ ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދޭށެވެ! އަދި އެ ޚިޔާލުތައް ދޫކޮށްލާށެވެ!"
އިސްލާމުންގެ ތެރޭގައި މި ހިސާބަށް ކަންކަން ދަނީ އެ މީހުންނަށް އެނގެންޖެހޭ އަސާސީ ފިލާވަޅުތައް އެނގޭ މިންވަރަށް އުނގަންނައި ނުދެވޭތީއެވެ. އަދި އެ ފިލާވަޅުތަކާ އެއްގޮތަށް ޢަމަލީ ތަޖުރިބާ ނުލިބޭތީއެވެ. އެ ނަމޫނާ ވެސް ފެންނަން ނެތީއެވެ. ނަމޫނާ ދައްކާނެ މީހުން ވެސް މަދީއެވެ.
މި ޒަމާނަކީ ކުރާ ކޮންމެ ކަމެއްގެ ޖަވާބެއް އޮންނަން ޖެހޭނެ ކަމަށް ބަޔަކު ޤަބޫލުކުރަމުން އަންނަ ޒަމާނެކެވެ. އެހެނަސް އެ ކަން ހުރިހާ ދާއިރާއަކަށް އެ މީހުން ވެސް ފުޅައެއް ނުކުރެއެވެ. ނިމޭ ސަބަބާ ހަމައަށް ވާޞިލުނުވާ އެތައް ކަމެއް އޭގެ ޙަޤީޤަތް ހޯދުމަކައި ނުލައި، އެ މީހުން ޤަބޫލުކުރެއެވެ. އެ މައުޟޫގެ ލިޔުމެއް ފަހުން ޝާއިޢުކުރަން ގަސްތުކުރަމެވެ.