ރިޒުގު ތަނަވަސްވެ އުމުރު ދިގުވާން އެދެންތަ؟

އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ރެއާދުވާލު ބުރަކޮށް މަސައްކަތް މި ކުރަނީ ރިޒުގު ހޯދާށެވެ. އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު އިތުރުކުރާށެވެ. އެއީ ދިރިއުޅުން ފަސޭހަކުރާށާއި ލުއިކުރަން ވެސް އެދޭތީއެވެ.

ރަނގަޅު ގޮތުގައި ރިޒުގު އިތުރުވާށާއި ތިމާގެ އުމުރުގައި ބަރަކާތްލެއްވި އެ އުމުރު ދިގުވެގެން ވުމަށް އެންމެން ވެސް އެދޭނެއެވެ. އަދި ތިމާ ނެތް ދުނިޔޭގައި ވެސް އެހެން މީހުން ތިމާގެ ޒިރުކާ އާކުރަން އެދޭނެއެވެ. މި ކަންކަން ހާސިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އާދެ! މި ކަންކަން ލިބިގަންނާނެ ވަރަށް ފަސޭހަ މަގެއް، އިސްލާމްދީނުގައި ބަޔާންކޮށްދެއްވައިފައި ވެއެވެ. އެއީ ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ.

އަނަސް ބިން މާލިކު رضي الله عنهގެ އަރިހުން އިމާމް ބުޚާރީއާއި އިމާމް މުސްލިމާ ދެ ބޭފުޅުން ވެސް ރިވާކުރެއްވި ހަދީޘެއްގައި ވެއެވެ. «مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» (رواه البخاري ومسلم) މާނައީ: "އޭނާގެ ރިޒުގު ތަނަވަސްވުމަށް އެދޭ މީހާއާއި، އޭނާގެ އަޖަލު ފަސްވުމަށް އެދޭ މީހާ، ފަހެ، އޭނާއާ އޮތް ރަޙިމުގެ ގުޅުންތައް ޤާއިމުކުރާށެވެ."

ރަނގަޅު ނިޔަތުގައި ރަޙިމުގެ ގުޅުން ޤާއިމުކޮށް އެ ކަން ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެއީ މާ ބޮޑު ޚަރަދުތަކެއް ހިނގާ ކަމެއް ވެސް ނުމެނޫންމެއެވެ. ސަލާންގޮވައިލާ ހާލުބަލައިލުން އެކަނި ރަޙިމުގެ ގުޅުން ޤާއިމުކުރުމަށް ފުދެއެވެ. އިޚްލާޞްތެރި ހިތަކުން މި ކަން ކުރާ މީހާއަކީ އޭނާއަށް ﷲގެ ރުހުން ލިބޭނޭ މީހެކެވެ. އަދި އޭނާގެ ފާފަފުއްސަވައި ދެއްވާނެ ސަބަބެއް ކަމުގައި އެ ކަން ވެއެވެ. އިބްނު ޙަޖަރު އެކަލޭގެފާނުގެ ފޮތް ފަތްޙުލްބާރީގައި ލިޔުއްވައިފައި ވަނީ ރަޙިމުގެ ގުޅުން ބަދަހިކުރުމަކީ ހެޔޮ ޢަމަލުކުރުމަށް ތައުފީޤު ލިބޭ ސަބަބެއް ކަމަށާއި ފާފަތަކުން ރައްކާތެރިކޮށްދޭނޭ ކަމެއް ކަމަށެވެ. އެ މީހަކު މަރުވުމަށްފަހު ވެސް އެހެންމީހުންގެ މެދުގައި އޭނާގެ ޒިކުރާއާއި ރިވެތި ޘަނާ ދެމިގެންދާނޭ ކަމެއް ކަމުގައި ވެސް ލިޔުއްވައިފައި ވެއެވެ.

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އެ މީހުންނަށް ލޯބިކުރުމާ އެކު ކުރަން ޖެހޭ ކަމެކެވެ. އެއީ އެއިން މީހެއްގެ ކިބައިން ފައިދާއެއް ހޯދުމަށް ނުވަތަ ފައިދާ އެއް ލިބޭތީ ކުރަން އޮންނަ ކަމެއް ނޫނެވެ. ތިމާއަށް ގުޅާ ހާލުބަލާ ހަދިޔާ ފޮނުވާ ހަދާ މީހުންނަށް އެ ކަމުގެ ރައްދެއްގެ ގޮތުން ގުޅުމާއި ހާލުބެލުމާއި ހަދިޔާ ދިނުމަކީ ރަޙިމުގެ ގުޅުން ޤާއިމުކުރުމެއް ނޫނެވެ. އެއީ ކޮށްދޭ މީހާއަށް ބަދަލުގައި ކަމެއް ކޮށްދިނުމެވެ. އެ ކަން ވެސް ކުރަން ވާނެއެވެ. އެހެނަސް ޙަޤީޤީ މާނައިގައި ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ތިމާއާ ނުގުޅާ ހަދިޔާ ނުފޮނުވާ މީހާއަށް/މީހުންނަށް ހަދިޔާ ފޮނުވައިގެން ހާލުބަލައިގެން ނުވަތަ ގުޅައިގެން އެ ގުޅުން ޤާއިމުކޮށް ދެމެހެއްޓުން ކަމުގައި ނަބަވީ އިރުޝާދުން ފެންނާން އެބައޮތެވެ. އެފަދަ މީހާގެ ޢުމުރު މާތް ﷲ ދިގުކުރައްވާނެތެވެ. އަދި އޭނާއަށް ރިޒުގު ވެސް ތަނަވަސްކޮށްދެއްވާނެތެވެ.

ހުރިހާ ހެޔޮކަމެއް އެންމެ ފުރަތަމަ އެދެންވާނީ ވެސް ތިމާއާ އެންމެ ގާތް މީހުންނަށެވެ. އެއީ އިލާހީ ދަރުބާރުން ވެސް އެ އަމުރު ނެއްރުއްވައިފައި އޮތް ގޮތެވެ. ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ރަސޫލު ކަމައިގެން ފޮނުއްވައިފައި، އެކަލޭގެފާނުގެ ރިސާލަތުފޯރުކޮށްދެއްވުމަށް ހަވާލުކުރައްވައިފައި އެންމެ ފުރަތަމަ ވެސް އެންގެވީ ގާތްތިމާގެ މީހުންނަށް އެ ރިސާލަތުން ދަޢުވަތު ދެއްވުމަށާއި އަތުވެދާނެ ޢަޒާބަކަށް ސަމާލުވެ ތިބުމަށް އިންޒާރުދެއްވުމަށެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ﴾ (الشعراء: ٢١٤) މާނައީ: "ކަލޭގެފާނާ އެންމެ ގާތްތިމާގެ ޤަބީލާތަކުގެ މީހުންނަށް އިންޒާރުކުރައްވާށެވެ!"

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހެޔޮކަންކަމަށް ހިތްވަރުދީ މުންކަރާތްތައް މަނާކުރާ މީހުންނާއި އެފަދަ ކަންކަމަށް ގޮވައިލާ މީހުން މަދެވެ. ގިނަ މީހުންނަށް އުޅެވެނީ ދުރު މީހުންނަށް ވައުޡާއި ނަސޭހަތް އިއްވޭތޯއެވެ؟ ގާތް މީހުންގެ ހާލު ކޮންމެ ގޮތަކަށް ވަމުން ދިޔަޔަސް އެ ކަމާ އަޅައިލާނެ އަވައްޖެއް އޮންނަނީ ނެތިފައެވެ. އެހެނަސް ދަންނަން ވާނެ ޙަޤީޤަތަކީ ތިމާއަށް ލިބުނު ހިދާޔަތާއި ތަޢުލީމުގެ ފައިދާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ކުރަން ވާނެ ބަޔަކީ އެ މީހުންކަމެވެ. އޭނާގެ ޒިކުރާ އާލާކުރާން ބިމުގައި ތިބޭ ބަޔަކީ އެ މީހުން ކަމެވެ. އޭނާގެ ރިޒުގު ތަނަވަސްވުމާއި އުމުރު ދިގުވުން ވަނީ ގާތް ތިމާގެ މީހުންނާ ގުޅުން ޤާއިމުކޮށް ރަނގަޅު ކޮށްގެން ކަމެވެ.

comment ކޮމެންޓް