ވޯޓުލައިގެން މަޤާމުތަކަށް އިންތިޚާބުކުރުން މިއީ އިސްލާމީ ނިޒާމެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލު އިހަށް އަޅުގަނޑު ދޫކޮށް ލާނަމެވެ. މިއަދަކީ އެބަހުސްގައި ވާދަ ދުއްވާން އޮތް ދުވަހެއް ނޫނެވެ. މިއަދު މި ޤައުމަށް ވެރިން ހޮވަމުން މި އަންނަނީ ވޯޓުލައިގެންނެވެ.
ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުން އެ ކަން ބަލައިގަންނަންވާނެވެ. ވޯޓަކުން ހޮވިގެން އިންތިޚާބުވާން، އެ ސަފަށް ނުކުންނަނީ ބަލި ވެސް ވެދާނެ ކަމަށް ބަލައިގެންނެވެ. އެހެންވީމާ ބަލި ޤަބޫލު ކުރުމަކީ އެ ކެނޑިޑޭޓުގެ ޝަޚުސިއްޔަތުގައި ހުރި ހަރުދަނާކަން ދައްކުވައިދޭ އެންމެ ފުރަތަމަ ފާހަގައެވެ. ބަލި ޤަބޫލުނުކޮށް، ގަދައަޑުން ހަޅޭލަވައި ޝަކުވާގެ ބޮޑި ބަނދެގެން ރަށުތެރޭ އުޅެގަތުމަކީ އެ މީހެއްގެ ވިޔާނުދާކަން އާންމުކޮށް ފާޅުވާނޭ ކަމެކެވެ.
އެންމެގިނަ ވޯޓުލިބިގެން އިންތިޚާބުވާ ކެނޑިޑޭޓަށް ވަރަށް އިޚުލާޞްތެރިކަމާ އެކު ބުނަމެވެ. އެންމެން ވެސް ތިބާ ފަދައިން ވަޢުދު ވިއެވެ. ރައްޔިތުންގެ ޚިދުމަތުގައި ހީވާގި ވާނެކަމުގެ ޔަޤީންކަން ވެސް ދިނެވެ. އެ އެންމެންގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްތެރިވާނޭ މީހަކީ ތިބާކަމުގައި އެ ރައްޔިތުންނަށް ފެންނާތީ ތިބާ އިޚްތިޔާރުކުރީއެވެ. އެއީ ކެމްޕޭނުގައި ތިބާ ޢަމަލީ ގޮތުން، އެ ހީވާގިކަން ދެއްކީމައެވެ. އެ ކަމަށް ޓަކައި ތިބާ ކުރިކަމަކާއި ނުކޮށް ދޫކޮށްލި ކޮންމެ ކަމެއް އެނގޭނީ ތިބާއަށެވެ. އެހެންވީމާ އަމިއްލަ އިޚްތިޔާރުގައި އެ ކަމެއް އެދިގެން ހޯދަން ތިޔަ ނުކުތް މަޤާމު ލިބުމުން، ކެމްޕެއިނުގައި އެ ދެއްކި ފޯރި ދައުރު ނިމެންދެން ވެސް ދައްކަވަން ވާނެއެވެ. ތިބާގެ ވަޢުދު ތިބާ ފުއްދަން ވާނެއެވެ. ވަޢުދަކީ ފުއްދަން ޖެހޭ އެޗެކެވެ.
ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، ކެނޑިޑޭޓުންނަށް ތާޢީދުކުރާ ފަރާތްތަކުން ވެސް ވަރަށް ވިސްނަންޖެހޭ ކަމެއް އެބަ އޮތެވެ. އެއީ އިންތިޚާބުގެ ނަތީޖާ ނިމުމުން، އިންތިޚާބު ނިމުނީ ކަމުގައި ދެކުމެވެ. ތިމާ ތާޢީދުކުރި މީހާ ހޮވުނަސް ނުހޮވުނަސް އިންތިޚާބައިގެން ހިލުނު ފޯރި ނިންމައިލަން ވާނެއެވެ. ތިމާ ތާޢީދުކުރި ކެނޑިޑޭޓު ހޮވިއްޖެއްޔާ ވަރަށް ފަސޭހައިން އެ ފޯރި ކުޑަވަމުން ގޮސް ނިވެއެވެ. އެހެނަސް ތާޢީދުކުރި މީހާ ބަލިވުން ގިނަފަހަރު ވެފައި އޮންނަނީ އެތައް ޒަމާނަކަށް ތިމާއަށް ލިބޭ ނުތަވަސް ކަމަކަށެވެ.
އެ މީހަކަށް ތިމާ ތާޢީދުކުރި މީހާ ނުހޮވުމުން ވަރަށް ގިނަ ފަހަރު އެ ކަމުގެ ހިތާމަ ރުޅިޔަށް ބަދަލުވެއެވެ. އަދި އެ ރުޅީގައި ދުލަށް އައިހައި އެއްޗެއް އިންތިޚާބުވި ކެނޑިޑޭޓަށާއި އޭނާއަށް ތާޢީދުކުރާ މީހުންނާ ދިމާލަށް ކިޔަން ވެސް ފެށެއެވެ. އެ މީހުން އެއީ ތިމާގެ ރައްޓެހިން ކަމުގައި ވީނަމަވެސް ފަރުވާލެއް ނެތެވެ. އަދި ކިޔެއް، ގާތްތިމާގެ މީހަކަށް ވިޔަސް އަދި އެއްބަނޑުއެއްބަފާ މީހުންނާ ވެސް ރުޅި ހަދައިލެވޭ ފަހަރުފަހަރު ވެސް އާދެއެވެ. ދަރިން މައިންބަފައިންނާ، އަދި މައިންބަފައިން ދަރިންނާ މޫނުޖެހި ގުޅުން ކެނޑޭ ހިސާބަށް މަދުން ނަމަވެސް ގޮސްފައި އެބަހުރެއެވެ. މިއީ ވޯޓުލުމުގެ ރޫޙެއް ނޫނެވެ.
ޙަޤީޤީ މާނައިގައި ވޯޓުލައިގެން ޢަދުލުވެރި ގޮތުގައި އަޅުގަނޑުމެންގެ މި ޤައުމު ހެޔޮ މިސްރާބަކަށް އަމާޒުކޮށްދޭން ބަޔަކު ތިބިއްޔާ، އެބަޔަކީ ޢަދާވާތްތެރި ގޮތުގައި އެއްވެސް ކަމެއް ކުރާނެ ބަޔަކު ކަމުގައި ވެގެން ނުވާނެއެވެ. ތިމާ ވެސް ނުކުތީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކަމަށް ވަންޏާ އަނެކާ ވެސް އެ މަޤުޞަދުގައި ނުކުމެ ހުރިކަމަށް ބުނާ އިރު، މިއަދު އެފުރުޞަތު އޭނާއަށް ލިބުމުން، ތިބާގެ ޒިންމާއަކަށް ވާންޖެހޭނީ، ރައްޔިތުންނަށް ޚިދުމަތްތެރިވުމުގައި އޭނާއަށް މަދަދުވެރިވުން ނޫންތޯއެވެ؟
ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް މި ދެންނެވި ކަންކަމާ މެދު ވިސްނައިލާށެވެ! ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓުން ތަމްސީލުކުރާ ޕާޓީތައް ވެސް ރަނގަޅު ހެޔޮ ގޮތުގައި އަޚުލާޤީ މިންގަނޑުތައް ދަމަހައްޓަންވާނެއެވެ. ހިތްތިރިވެ ތިބެގެން ކާމިޔާބީ ފާހަގަކުރުމަށާއި ރިވެތި ގޮތުގައި ހިތްވަރާ އެކު ކެތްތެރިވުމަށް ސަޕޯޓަރުންނަށް ނަސޭހަތްތެރިވެ ނަމޫނާ ދައްކަން ވާނެއެވެ. އެހެން ނޫނީ ވޯޓުލުން ވެގެންދާނީ ފަސާދައަށް ހުޅުވޭ އިތުރު ދޮރަކަށް ނޫންތޯއެވެ؟