މިދިޔަ އަހަރުގެ މާރިޗް މަހާއި މި އަހަރުގެ މާރިޗް މަހާ ދޭތެރޭ ހިންގި ސްކޭމްތަކުގައި މީހުންގެ އަތުން 27.6 މިލިއަން ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން ފުލުހުންނަށް ހޯދިފައިވަނީ 10.2 މިލިއަން ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ރާއްޖޭގައި އިތުރުވަމުންދާ ސްކޭމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި, ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ފުލުހުން ޚާއްސަ ކޯލް ސެންޓަރެއް ގާއިމްކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހެވެ. އެ ކޯލް ސެންޓަރުގެ ހޮޓްލައިނަކީ 125 އެވެ.
އެ ޚިދުމަތަށް އަހަރެއްވުމާ ގުޅޭ ގޮތުން، ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމެއް ހިނގާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ފައިސާ ޖަމާވި އެކައުންޓުން އެކި ގޮތްގޮތުން ފައިސާ ނަގާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.
މިކަމުގެ ސަބަބުން، ސްކޭމްގެ ޝިކާރައަކަށްވާ މީހާގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވާކަމަށް ނަވީދު ވިދާޅުވިއެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވާ ފަރާތްތައް ސްކޭމަރުންގެ އުކުޅުތަކަށް އަހުލުވެރިވެފައިވާ މިންވަރު ކުޑަކަން ފާހަގަކުރައްވައި އޭނާ ވަނީ، ޕިރަމިޑް ސްކީމްތައްފަދަ، ސްކޭމަރުން ބޭނުންކުރާ އުކުޅުތަކަކީ ހަގީގަތުގައި ވެސް ހިނގާ ކަންކަން ކަމަށް ބައެއް ފަރާތްތަކަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.
ނަވީދު ވިދާޅުވީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރަށް 2،259 މައްސަލަ ހުށަހަޅައިފައިވާއިރު، އެ މައްސަލަތަކާ ގުޅިގެން 3،852 އެކައުންޓް ފްރީޒްކުރިކަމަށެވެ. އަދި ހުށަހެޅި މައްސަލަތަކުގައި ހިމެނޭ ޖުމުލަ ފައިސާގެ 40 އިންސައްތަ ފައިސާ އަނބުރާ ވިކްޓިމުންނަށް ހޯދައިދެވުނުކަމަށާއި، އެއީ 785 މައްސަލައެއްގައި ހިމެނޭ ހުރިހާ ފައިސާއާއި 183 މައްސަލައެއްގައި ހިމެނޭ ފައިސާގެ ތެރެއިން ބައެެއްކަމަށް ނަވީދު ވިދާޅުވިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މާރިޗު މަހުގެ 17އިން މި އަހަރުގެ މާރިޗު 17އާ ހަމައަށް، ސްކޭމްތަކުން ގެއްލުނު ފައިސާގެ އަދަދު 27.6 މިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 10.2 މިލިއަން ރުފިޔާއެވެ.

ސްކޭމްތަކަށް މީހުން ހޭލުންތެރިކުރުމަށް ހިންގި ހަރަކާތެއް: އަހަރެއް ތެރޭ ސްކޭމަށް 27.6 މިލިއަން ރުފިޔާ ގެއްލުނުއިރު، ފުލުހުންނަށް ހޯދުނީ 10.2 މިލިއަން ރުފިޔާ -- ފޮޓޯ/ އެމްއެންޔޫއެސްޔޫ
މީގެ އިތުރުން، ސްކޭމާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައި 36 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، 10 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ނަވީދު ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތަކުގައި 235 ނަންބަރެއް ބްލޮކްކޮށް، 452 ޑިވައިސްއެއް ބްލޮކްކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ނަވީދު ވިދާޅުވި ގޮތުގައި، ސްކޭމްކުރުމުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި އެންމެ ގިނައިން ފާހަގަކުރެވިފައި ވަނީ އީ ކޮމާސް ސްކޭމްސް ނުވަތަ ވިޔަފާރި މުއާމަލާތެއްގެ ތެރެއިން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ މައްސަލަތަކަކީ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ 50 އިންސައްތަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަވީދު ވިދާޅުވީ ދެވަނައަށް އެންމެ ގިނަކަމަށް ފާހަގަކުރެވެނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގުމުގައި އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަތައް ކަމަށެއެވެ. އެފަދަ ސްކޭމްތައް ދުރާލައި ދެނެގަނެ، ސްކޭމަރުންގެ އޮޕަރޭޝަންތައް ހުއްޓުވައި އެފަދަ ކަންކަމަށް އާންމުން އަހުލުވެރިކުރުވުމަށް، އެކި މަންސަތަކުގެ ޒަރީއާއިން އެންޓި ސްކޭމް ސެންޓަރާއި ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ނަވީދު ވަނީ، ވަކިވަކި ފަރުދުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުކަން އިތުރުކުރުމަށާއި، ސްކޭމެއްކަމަށް ޝައްކުކުރެވޭފަދަ އެއްވެސް މުއާމަލާތެއް ފާހަގަ ކުރެވިއްޖެނަމަ އެ މައުލޫމާތު ލަސްނުކޮށް ކަމާބޭހޭ ފަރާތްތަކާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.