ޑިވެލޮޕްމަންޓް ބޭންކު އުފެއްދިތާ އަށް މަސް ވާއިރު، އެ ބޭންކުގެ އެއްވެސް ފައިދާއެއް ނުވެ، އެ ތަނުގެ މަސައްކަތްތަކަށް ހަތަރު މިލިއަން ރުފިޔާ އިކޮނޮމިކް މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ދިންކަން އެނގިއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަހުމަދު މައުރޫފް ހުށަހެޅުއްވީ ޑިވެލޮޕްމަންޓް ބޭންކު ގާއިމުކުރުމަށް އެލައިޑް ބިލްޑިން ތައްޔާރުކުރުމަށް އެމްޓީސީސީން ކުރި ޑިޒައިން، މެއިންޓަނަންސް އަދި އިންޓީރިއާ މަސައްކަތަށް އިކޮނޮމިކް މިނިސްޓްރީން ދޭންޖެހޭ އަގުގެ ތެރެއިން އެއްވެސް ވަރެއް މިހާތަނަށް ދީފައިވޭތޯއެވެ.
އެ ހުށަހެޅުމަށް މިނިސްޓްރީން މިއަދު ދިން ޖަވާބުގައި ބުނީ، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ހަމައަށް، އެލައިޑް ބިލްޑިންގައި ޑިވެލޮޕްމަންޓް ބޭންކުގެ އޮފީސް ގާއިމުކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް 4،500،475.18 ރުފިޔާ އެމްޓީސީސީއަށް ދައްކާފައިވާ ކަމަށެވެ.
މީގެ ކުރިން ޑިވެލޮޕްމަންޓް ބޭންކާ ގުޅޭގޮތުން މައުރޫފް ހުށަހެޅުއްވި އާރްޓީއައިގެ ޖަވާބުގައި ފިނޭންސް މިނިސްޓްރީން ބުނީ, މިދިޔަ މާރިޗު މަހުގެ 25ގެ ނިޔަލަށް, އެ ކަމާ ގުޅޭ އެކިއެކި ކަންކަމަށް ފިނޭންސް މިނިސްޓްރީން 6.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ ޚަރަދުތައް ކުރި ގޮތުގެ ތަފުސީލެއް ފިނޭންސްއިން ހާމަ ކޮށްފައެއް ނުވެއެވެ.
ޑިވެލޮޕްމެންޓް ބޭންކުތަކަކީ ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާއެކެވެ. އެގޮތުން، ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރުކޮށްދޭނެއެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ޑިވެލޮޕްމަންޓު ބޭންކު އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ. އެކަމަކު، އަދިވެސް އެ ބޭންކްގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށިފައެއް ނުވެއެވެ. ހަމައެއާއެކު ޑިވެލޮޕްމަންޓް ބޭންކް ހިންގަން އެލައިޑް ބިލްޑިންގުން ދޫކޮށްފައިވާ ތަނަށް މިހާތަނަށް އެއްވެސް މަހެއްގެ ކުލި ދައްކާފައިނުވާކަން ވެސް ވަނީ އެނގިފައެވެ.
އެސްޓީއޯގެ އެލައިޑް ބިލްޑިންގައި ޑީބީއެމް ހިންގާ ގޮތަށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16ގައެވެ. އެހެންކަމުން، އެ ތަން ހިންގާތާ މިހާރު ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޑީބީއެމުން މަހު ކުލީގެ ގޮތުގައި އެސްޓީއޯއަށް 75،892 ރުފިޔާ ދައްކަންޖެހެއެވެ.
ޑީބީއެމުން މަހު ކުލީގެ ގޮތުގައި އެސްޓީއޯއަށް ދެއްކި ފައިސާއާ ގުޅޭ މައުލޫމާތު ހޯދުމަށް، މައުރޫފު ހުށަހެޅުއްވި އާރްޓީއައިއަށް އެސްޓީއޯއިން ފޮނުވި ޖަވާބުގައި ވަނީ މަހު ކުލީގެ ގޮތުގައި ޑީބީއެމުން ދައްކަންޖެހޭ އެއްވެސް މަހެއްގެ ފައިސާ ލިބިފައިނުވާ ކަމަށެވެ. ހަ މަހަށް ބަލާނަމަ އެއީ 455،352 ރުފިޔާއެވެ.
މީގެ ކުރިން ރައީސް ވަނީ އެ ބެންކުގެ ސީއީއޯކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން އައްޔަންކުރައްވާފައެވެ. އެގޮތުން، ޗެއާޕާސަނަކަށް އައްޔަންކުރެއްވީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ. އެ ބޭންކްގެ ސީއީއޯކަމަށް އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. އޭނާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
އެކަމަކު، މާ ގިނަ ދުވަހެއް ނުވެ ސީއީއޯ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވި ނޯޓިސް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތް ވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ.
ސީއީއޯ އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އޭޕްރީލް 23 ވަނަ ދުވަހު ވަނީ, އެ ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، ވެސް އިސްތިއުފާ ދެއްވައިފައެވެ.