'ލާރި ގޮސްގެން ލާރި ނުލިބެނީ' ކުރަންވާ ގޮތަށް އެކަން ނުކުރާތީ ކަމަށާއި '[އަބަދު] އަންހެނުން ބިއްދޮށުގައި ނިދަން އޮވެގެން [އެކަމެއް] ނުވާނެ' ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
'ލާރި ގޮސްގެން ލާރި ލިބޭނީ،'އަކީ އުއްޗު ވިދާޅުވި ބަސްފުޅެކެވެ. އެހެންވެ، އެއީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ބަސްފުޅެކެވެ. ޚާއްސަކޮށް 'ލާރި ގޮސްގޮސް ވެސް ލާރި ނުލިބޭ' ކަމަށް ބުނެ ބައެއް ޒުވާނުން މަޒާޖީ ގޮތެއްގައި ވަރަށް ގިނައިން އެ ބަސް ބޭނުންކުރެއެވެ.
އެ ބަސްފުޅާ ގުޅިގެން ޔޫޓިއުބް ޗެނަލް 'ދެނޯ؟'ގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން އުއްޗު ވިދާޅުވީ، ލާރި ގޮސްގެން ލާރި ނުލިބެނީ ވިޔާނުދާކޮށް އެކަން ކުރެވޭތީ ކަމަށެވެ.
"އަސްލު ދޭންވާ ފަރާތަށްތޯ މި ދެވެނީ؟ އެކަން ކުރަންވާ ގޮތަށްތޯ މި ކުރެވެނީ؟" ފައިސާ ޚަރަދުކުރުމުގެ ވިސްނަންޖެހޭނެކަން ފާހަގަކުރައްވައި ރާއްޖޭގައި ހިންގާ 11 ރިސޯޓެއްގެ ހިއްސާ އޮންނަ އުއްޗު ވިދާޅުވެދެއްވިއެވެ.
އޭނާ ވިދާޅުވީ، ކުޑަކުޑަ ޚަރަދެއް ކޮށްގެން އާދަޔާހިލާފު ބޮޑު މަންފާއެއް ލިބޭނެ ކަމަށް ބުނާ މީހުންނަށް އިތުބާރުކޮށްގެން ނުވާނެ ކަމަށެވެ.
"ލާރި ހަމަ ޚަރަދުކުރާށޭ ބުންޏަކަސް، އެ ޚަރަދުކުރަންވާނީ ކުރަންވާ ގޮތަކަށްތާ. މީހަކު ބުނެފާނެ ކަލޭ ދޭށޭ 5،000 ރުފިޔާ، މަ ކޮންމެ މަހަކު ދޭނަމޭ ކަލެއަށް 500 ރުފިޔާ، އަދި ފަސް މަސް ދުވަހުން ދޭނަމޭ 500،000 ރުފިޔާ. ނުވާނެ އެއަށް ޓްރަސްޓް ކުރާކަށް،" އޭނާ ކިޔައިދެއްވިއެވެ.
"އެ ބައެއްގެ ވެސް ބޯ ހުންނަންވާނެ ދޯ. އެއީ ދެން އެ ސޮރުމެންނަށް ހެދޭ ޅައެއްޗެއް،"
އުއްޗު ވިދާޅުވީ، 'ލާރި ގޮސްގެން ލާރި ލިބޭނީ' ކުރަންވާ ގޮތަށް އެކަން ކުރުމުން ކަމަށެވެ. ލާރި ލިބޭނީ ލާރި ގޮސްގެން ކަމަށް އުއްޗު ވިދާޅުވީ، ވިޔަފާރީގައި ކުރިއަށް ދެވޭނީ އިންވެސްޓްކޮށްގެން ކަމަށް ދޭހަވާ ފަދަ މާނައެއްގައެވެ. އެ ގޮތުން، އިންވެސްޓްކުރަން ދަރަނި ނަގަން ބިރުން އުޅެގެން ވިޔަފާރިނުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ޕޮޑްކާސްޓްގައި އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ދުނިޔޭގެ އެކި ބޭންކްތަކުގައި އޭނާގެ 200 މިލިއަން ޑޮލަރެއްހާ ދަރަނި އުޅޭނެއެވެ.
މީގެ އިތުރުން އުއްޗު ވިދާޅުވީ، ކާމިޔާބު މީހުންނަކީ ފަތިހު ތެދުވާ މީހުން ކަމަށެވެ.
"ކިތަންމެ މޮޅު މީހާ ވެސް ކިހިނެއް މެންދުރު ފަހުން ވަގުތެއް ލިބުނީމާ ދާގޮތަށް ގޮސް އަންހެނުން ބިއްދޮށުގައި ކަންނޭލަކަށް ހެދިގެން. އެއާކޯން ޖަހައިގެން. ނިދާފައި. ހަވީރު ތެދުވެގެން ގޮސް، ހިނގާ ކޮފީއެއް ބޯލަން. އެހެން އުޅެގެން ލާރިއެއް ނުލިބޭނެ،" އޭނާ ވިދާޅުވިއެވެ.
"އެހެނެއް ނުވާނެ ނޫންތޯ؟"
އުއްޗުއަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާއެވެ. އޭނާގެ ހިއްސާ އޮންނަ 11 ރިސޯޓު ރާއްޖޭގައި ހިންގާއިރު، ރާއްޖޭން ބޭރުގައި ވެސް ރިސޯޓު ހިންގައެވެ.
އުއްޗުއަކީ ގައުމީ އިނާމާއި ޓޫރިޒަމް ދާއިރާއަށް ޚިދުމަތް ކުރެއްވުމުގެ އެތައް އިނާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި, އޭނާ އިސްނަންގަވައިގެން މުޖުތަމައުގެ އެކި ކަންކަމަށް ގިނަގުނަ ހޭދަތައް ކުރައްވާފައިވެއެވެ. އުއްޗު ވިޔަފާރީގެ ތެރެއަށް ވެންނެވީ ވަރަށް ކުޑައިރު މާލޭގެ ބާޒާރުމަތީގައި ހިންގެވި ފިހާރައާއެކު، މީގެ 50 އަހަރަށްވުރެ ކުރީންނެވެ.