ޑޮލަރު މައްސަލަ ހައްލުވާނީ ރިޔާސީ ދައުރު 10 އަހަރަށް ދަންމާލައިގެން: އުއްޗު

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު): އޭނާ ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުވާނީ ރިޔާސީ ދައުރު ދަންމާލައިގެން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ބައެއް ބޭފުޅުން ކޯފާވެސް ވެދާނެ ކަމަށާއި އެކަމަކު ދިވެހިރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުވާނީ ރިޔާސީ ދައުރު 10 ނުވަތަ 15 އަހަރަށް ދަންމާލައިގެން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

ޑޮލަރުން ބޮޑު އާމްދަނީއެއް ލިބުނަސް ޑޮލަރުގެ ދަތިކަން ބޮޑުވެ، ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ.

'ދެނޯ؟' ކިޔާ ޔޫޓިއުބް ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައި އުއްޗު ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުނުކުރެވެނީ މާ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްދޭން ރައީސުންނަށް ޖެހޭތީ ކަމަށެވެ. އެހެންވެ، ކުރު މުއްދަތެއްގައި ގިނަ ކަންކަން ކުރަން ލޯނު ނަގަންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ޑޮލަރުގެ ރޭޓު މަތިވާ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"އަޅުގަނޑަށް ވިސްނޭ ކަމަކީ ދިވެހިރާއްޖެއަކީ ޑޮލަރު ވާރޭވެހޭހެން ވެހޭތަނެއް. ދުނިޔޭގެ ނިސްބަތުން. އެކަން އެންމެން ވެސް ގަބޫލުކުރަންޖެހޭނެ،" އުއްޗު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ބޭނުންވާ ބައިވަރު ކަންތައްތަކެއް ހުންނަ ކަމަށެވެ. އެ ކަންކަން ރައީސުން ކޮށްދެއްވަނީ އެ ބޭފުޅުންގެ އަމިއްލަ ޖީބުން ނޫން ކަމަށާއި އެއީ ހައްތަހާ ވެސް ބޮޑެތި ޚަރަދުތައް ހިނގާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ވިދާޅުވިޔަސް ނުވިޔަސް ލޯނު އެ ނަގަނީ ރައްޔިތުން ބޭނުންވީމާ. އެ ކަންތައްތައް ކޮށްދޭންޖެހޭތީ. މި ހުރިހާ ކަމެއް ކުރަން ވެސް ޑޮލަރުން ހަމަ ލޯނު ނަގަން މި ޖެހެނީ. ދެން މީގެ އެންމެ ބޮޑު އެއް ސަބަބަކީ، މި ފަދަ ބޮޑު ރާއްޖެއަކަށް ކުޑަކުޑަ ދިވެހިރާއްޖެއެއް ނޫނޭ. ރަށްތައް ހުރި ގޮތުން ދުރުވެފައި ހުންނަނީ. މި ފަދަ ބޮޑު ރާއްޖެއަކަށް ފަސް އަހަރު މާ ކުޑައީ ވެރިކަން ކުރަން އެނގޭތޯ،" އޭނާ ވިދާޅުވިއެވެ.

އުއްޗު ވިދާޅުވީ، ރައީސުންނަށް ކަންކަން ކޮށްދެވެނީ ވަރަށް މަސައްކަތުން ކަމަށެވެ. އެ ކަންކަން ކުރަން މިހާރު ގާނޫނުއަސާސީން ލިބޭ ފަސް އަހަރުގެ މުއްދަތަކީ މާ ކުރު މުއްދަތެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އަދި، ޑޮލަރުގެ މައްސަލައަށް ހައްލެއް އަންނާނީ އެއަށްވުރެ ހަމަޖެހިގެން ކަންކަން ކޮށްދޭން ރައީސުންނަށް ފުރުސަތު ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/208752

"ވަރަށް މަސައްކަތުން ކަމެއް ކޮށްދެވެނީ ވެސް. އެހެންވީމާ މުއްދަތް މާ ކުޑައީ ވެރިންނަށް. ކޮންމެ ވެރިއަކު ހުއްޓަސް. އެންމެ މަދުވެގެން 10، 15 އަހަރު ވެރިއަކަށް ލިބިގެން ނޫނީ ނުކުރެވޭނެ ކަންކަމެއް،" އުއްޗު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހާ ކުރު މުއްދަތެއްގެ ތެރޭގައި ކަންކަން ކޮށްދޭން ރައީސުން މަސައްކަތްކުރާނަމަ ޑޮލަރުގެ އަގު ދަށަށްނުދާނެ ކަމަށެވެ. ޑޮލަރަށް އޮންނަ ޑިމާންޑް މާ ބޮޑަށް ބޮޑުވަނީ އެހެންވެ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ އުއްޗު ދެކިލައްވައެވެ.

"ކޮންމެ ރަށެއްގައި އެއާޕޯޓެއް ވެސް އޮންނަންޖެހޭ އެބަ. ކޮންމެ ރަށަކަށް ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭންޖެހޭ އެބަ. އެހެންވީމާ ވެރިއަކަށް އަންނަވާ ބޭފުޅަކަށް މުއްދަތް މާ ކުރީ. އަޅުގަނޑަށް ފެންނަ ގޮތުގައި،"

"ޑޮލަރެއް ހޯދަން ޖެހުނު ގޮތަކަށް ހޯދަން ޖެހިފައި އޮންނަނީ،"

https://sun.mv/209625

އުއްޗު ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ ދައުރު 10 ނުވަތަ 15 އަހަރަށް ދަންމާލުމުން 'ހުރިހާ ކަމެއް' ހައްލުވާނެއެވެ. މިހާރު ދިމާވެގެން އުޅޭ ޑޮލަރުގެ ދަތިކަން ވެސް ދިމާވަނީ ކުރު މުއްދަތެއްގައި ގިނަ ކަންތައްތަކެއް ކޮށްދޭން ޑޮލަރުން ދަރަނި ނަގަން ޖެހުމުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެހެންވެ، ވެރިންނަށް ކަންކަން ކޮށްދެއްވަން ދިގު މުއްދަތެއް ލިބިލައްވާނަމަ ޑޮލަރަށް މި ވަރުގެ ޑިމާންޑެއް ނުއުފެދޭނެ ކަމަށް އޭނާ ދެކިލައްވައެވެ.

އުއްޗުއަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާއެވެ. އޭނާގެ ހިއްސާ އޮންނަ 11 ރިސޯޓު ރާއްޖޭގައި ހިންގާއިރު، ރާއްޖޭން ބޭރުގައި ވެސް ރިސޯޓު ހިންގައެވެ.

އުއްޗުއަކީ ގައުމީ އިނާމާއި ޓޫރިޒަމް ދާއިރާއަށް ޚިދުމަތް ކުރެއްވުމުގެ އެތައް އިނާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި, އޭނާ އިސްނަންގަވައިގެން މުޖުތަމައުގެ އެކި ކަންކަމަށް ގިނަގުނަ ހޭދަތައް ކުރައްވާފައިވެއެވެ. އުއްޗު ވިޔަފާރީގެ ތެރެއަށް ވެންނެވީ ވަރަށް ކުޑައިރު މާލޭގެ ބާޒާރުމަތީގައި ހިންގެވި ފިހާރައާއެކު، މީގެ 50 އަހަރަށްވުރެ ކުރީންނެވެ.

ދަރަނި ބޮޑުވެ، އިގުތިސާދީ ގޮންޖެހުންތައް ބޮޑުވެފައި އޮއްވާ ރާއްޖޭގައި ޑޮލަރުގެ އަގު ވަނީ ދުވަހަކު ނުވާ މިންވަރަށް ބޮޑުވެފައެވެ. ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއިން މައްޗަށް ވަނީ ގޮސްފައެވެ. ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވުމުން ޑޮލަރުގެ އަގާ އެކު ތަކެތީގެ އަގު ވެސް އުފުލެއެވެ.

comment ކޮމެންޓް