ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ވަޒީރުންނަށް ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބު ދެއްވަން އެ ބޭފުޅުން ވަޑައިނުގަންނަވަނީ، ރައްޔިތުންގެ ކުރިމަތީ ފަޟީހަތް ވެދާނެތީކަމަށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ބައެއް ވަޒީރުން އެއްބާރުލުން ނުދޭތީ, ވަޒީރުން މަޖިލީހަށް ޖަވާބުދާރީވާން އެންގެވުމަށް އެދިވަޑައިގެން، އެމްޑީޕީގެ މުޅި ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ ހަފުތާގައި ވަނީ ސިޓީއެއް ފޮނުވައިފައެވެ.
އެއަށްފަހު، އިއްޔެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މަޖިލީހަށް ހާޒިރުކުރުމުން، ސީދާ ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ މީކާއީލް ތަޅުމުގައި އަޑުގަދަ ކުރެއްވުމުން އޭނާގެ ނަން އިއްވައި ވަނީ ބޭރުކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، މިހާތަނަށް ވަޒީރުންނާ ކުރުމަށް ހުށަހެޅި ސުވާލުތަކުގެ ތެރެއިން 32އަށް ވުރެ ގިނަ ސުވާލަށް ޖަވާބެއް ނުދީ ހުރިކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގައި މެންބަރުން ތިބެނީ ރައްޔިތުންނަށް ވަކި ޚިދުމަތެއް ކޮށްދިނުމަށް ކަމަށާއި، އެގޮތުން އެ ރައްޔިތުން އޮޅުންފިލުވުމަށް، ނުވަތަ ކަންބޮޑުވާ ކަންކަމާ މެދު ވަޒީރުންނާ ސުވާލު ކުރަން ހުށަހަޅާނީ މެންބަރުން ކަމަށެވެ. އެ ސުވާލުތަކަށް ޖަވާބު ނުދެއްވުމުން އެއީ ރައްޔިތުންނަށް ކުޑައިމީސް ކުރުމުގެ ގޮތުގައި މީކާއީލް ސިފަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ވަޒީރުން ސުވާލުތަކަށް ޖަވާބުދެއްވަން ފަސްޖެހެނީ، އެމްޑީޕީން ކުރާ ސުވާލުތަކަށް ސީދާ ޖަވާބުދެއްވައިފި ނަމަ ފަޟީހަތްވާނެ ކަމަށް ގަބޫލުކުރެއްވޭތީއެވެ.
އިއްޔެގެ ޖަލްސާގައި މީކާއީލް، ޚަލީލާ ކުރެއްވި ސުވާލަކީ ސައޫދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، މިދިޔަ މޭ މަހުގެ ކުރީކޮޅު ރައީސް ބައްދަލުކުރެއްވި ޕްރިންސް ފަހަދު ސައުސު އަލްޝަލަންއަކީ ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅެއްތޯ އާއި އެ ބައްދަލުވުމުގައި ސައޫދީގެ އެމްބަސީން ބައިވެރިނުވީ ކީއްވެތޯއާއި، ސައޫދީގެ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިވޭތޯއެވެ.
މިސާލަކަށް އަޅުގަނޑުމެން ސުވާލެއް ކުރީ ސައުދީ ޕްރިންސެއް ކަމަށް ބުނި މީހަކު ގެނެސް އުޅުމުގެ ތެރެއިން ކީއްވެހެއްޔޭ ސައުދީ އެމްބަސީއާ ކޮންސަލްޓްނުކޮށް މީހާ ގެނައީ، ޖަވާބުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުވެމެކޭ، އޭގައި މައްސަލައެއް ނެތް،
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލު އަހުމަދު ނަސީމް
އެހެންނަމަވެސް އެ ޕްރިންސް ގެނައީ ރާއްޖެއަށް އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ގެންނާނެ ކަމަށް ބުނެ، ސައުދީ ޝާހީ އާއިލާގެ ވަކި ބަޔަކަށް ޚާއްސަކޮށްފައިވާ 'ހިޒް ރޯޔަލް ހައިނެސް'ގެ ލަގަބު ދީގެން ކަމަށްވާތީ އެ ކަންކަން ސާފުކުރުމަށް ސުވާލުކުރީ ކަމަށް މީކާއީލް ވިދާޅުވިއެވެ.
"އެހެންމަވެސް އަޅުގަނޑުމެން ފެނިގެން މި ދިޔައީ އޭގެ ޖަވާބު ނުދެއްވައި އަޅުގަނޑުމެން ސުވާލެއް ކުރީތީވެ އަޅުގަނޑުމެންނާ ދިމާލަށް ވަރަށް ބޮޑަށް އެކިއުޒޭޝަނަރީ ޓޯންއެއްގައި ފޮރިން މިނިސްޓަރު ވިދާޅުވިތަން ފެނިގެންދިޔަތަން ބޭރުގެ ބައެއް ގައުމުތަކާ ސަރުކާރާ ޖައްސަން މަސައްކަތް ކުރަނީއޭ،" އޭނާ ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި މި ސަރުކާރުގެ އިސް ވެރިން މީގެ ކުރިން ކުރިއަށްގެންދިޔަ ކެމްޕޭނުގައި ވެސް ބައިވެރިވެވަޑައިގަތް ޚަލީލް އެފަދައިން ވިދާޅުވުމުން 'ހިނި އަންނަ' ކަމަށެވެ.
އޭނާ ވިދާޅުވީ ވަޒީރުންނާ ސުވާލުކުރުމުން ޖަވާބުދާރީވާންޖެހޭ މުއްދަތު ފަހަނަ އަޅައި ދާފަހުން، ވަޑައިގެންފައި ވެސް، ސުވާލަށް ސާފު ޖަަވާބު ނުދެއްވައި، ''ހިތުހުރި ވާހަކަތަކެއް ދައްކަވާފައި'' އެނބުރި އޮފީހަށް ވަޑައިގަންނަވާ އުސޫލުން ކަންކަން ހިނގަމުންދަނީ މަޖިލީހުގެ ގާނޫނާއި އުސޫލުތަކާއި ޚިލާފަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން، މެންބަރުން ވަޒީރަކާ ސުވާލެއް ކުރުމަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި، އެ ވަޒީރަކު މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި، އެހެންނަމަވެސް އެ މުއްދަތު ފަހަނައަޅާ ދާއިރުވެސް ވަޒީރުން ޖަވާބުދާރީވުމަށް މަޖިލީހަށް ވަޑައިނުގަންނަވައި ލަސް ކުރެއްވުމަކީ ގާނޫނާ ޚިލާފުވުމުގެ އަމަލެއްކަމަށްވެސް މީކާއީލް ތަކުރާރުކުރެއްވިއެވެ.