މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ފުލުހަކު މަގާމުގެ ހުވާ ނުކުރާކަމަށް ބުނެފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ފުލުހަކު، އޭނާ މަގާމުގެ ހުވާ ނުކުރާކަމަށް ކޯޓުގައި ބުނެފިއެވެ.

އީ ސިނގިރޭޓްތަކެއް ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ހައްޔަރު ކުރީ ގދ. ތިނަދޫ މުހައްމަދު ސާޖިދެވެ.

ސާޖިދަކީ މިއަހަރުގެ މެއި މަހު ހަތްވަނަ ދުވަހުން ފެށިގެން ޕޮލިސް ސްޕެޝަލް ކޮންސްޓަބަލްގެ މަގާމުގައި ހުރި މީހެކެވެ.

ތިނަދޫ މެޖިސްރޭޓް ކޯޓުން، ބަންދުން ދޫކޮށްލުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މިއަދު އޮތް އިސްތިއުނާފީ ޝަރީއަތުގައި ސާޖިދުގެ ވަކީލު ވިދާޅުވީ އޭނާގެ މުވައްކިލަކީ ހުވައެއްގެ މަތީގައި ހުރި ފުލުހެއް ނޫން ކަމަށެވެ.

ސާޖިދަކީ ހުވައެއްގެ މަތީގައި ހުރި ފުލުހެއް ނޫން ކަމަށް އޭނާގެ ވަކީލު ވިދާޅުވުމުން، ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާއަކީ ޔުނީފޯމް އެޅި ފުލުހެއްތޯ ސުވާލުކޮށްފައެވެ. ބެންޗުގެ ސުވާލާ ގުޅިގެން، ދެކެވުނު ވާހަކަތަކުގެ ތެރެއިން ސާޖިދުވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދިޔަ ނަމަވެސް ހުވާ ނުކުރާ ކަމަށް ބުނެފައެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ހުރިހާ އެންމެން ހުވާ ކުރި ވަގުތު ސާޖިދު ކީއްތޯ ކުރީ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން ސާޖިދު ބުނީ ހަމަ ހުރީ ކަމަށެވެ.

"އެ ދުވަހު އަޅުގަނޑު ރަސްމިއްޔާތަށް ގޮސްފައި ކުޑަކޮށް ބިރުގަތީ، އެއީ ﷲ ގަންދީ ކުރަން ޖެހޭ ހުވައެއްވީމާ، އޭގައި އަންނަ ކަންތައްތަކަށް ވިސްނާލީމަ" ޝަރީއަތުގެ މަޖިލީހުގައި ސާޖިދު ބުނެފައި ވެއެވެ.

ސާޖިދު އެހެން ބުނުމުން، ހުވާކުރުމުގެ ރަސްމިއްޔާތަށް ގޮސް ހުވާނުކޮށް، މުސާރަ ނަންގަވައިގެން ހުންނަވަނީތޯ ބެންޗުން ސުވާލު ކުރިއެވެ. އެކަމަށް ސާޖިދުވަނީ ޝަރީއަތުގައި އެއްބަސްވެފައެވެ. ސާޖިދު ހުވާ ނުކުރާ ކަމަށް ބުނުމުން، ދައުލަތުންވަނީ ސާޖިދު ހުވާގެ އިގުރާރުގައި ސޮއިކޮށްފައިވާކަން ވެސް ޝަރީއަތުގައި ފާހަގަކޮށްފައެވެ.

ސާޖިދު ހުވާ ނުކުރާކަމަށް ބުނި ބުނުން ދިފާއުކޮށް އޭނާގެ ވަކީލު ދެއްކި ވާހަކަތަކާ ގުޅިގެން ބެންޗުންވަނީ އެ ގޮތަށް މާނަ ނުކުރެވޭނެ ކަމާއި އެއީ ކަނޑައެޅިގެން ކޯޓުގެ ކުރިމަތީގައި ހެދި ބޮޑު ދޮގެއްކަން ފާހަގަކޮށްފައެވެ.

ހުވަދު އަތޮޅުގައި ހިންގި އޮޕަރޭޝަނަކާ ގުޅިގެން މި ފުލުސް މީހާ މިހާރު ހުރީ، މުއްދަތެއް ނެތް ގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. މި މައްސަލައިގެ އަޑު އެހުމުން އެނގުނު ގޮތުގައި އީސިގިރޭޓާއި ދުންފަތުގެ ބާވަތްތައް ގެންގުޅުމުގެ ތުހުމަތުގައި އޭނާގެ ގެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނުނެވެ.

މަސްތުވާތަކެތި ފެނުމާ ގުޅިގެން އޭނާ ބަންދުކޮށްފައި ހުރިނަމަވެސް އޭނާވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މިނިވަންކޮށްފައެވެ. އެހެންކަމުން މި މައްސަލަ އިސްތިއުނާފު ކުރީ ދައުލަތުންނެވެ.

comment ކޮމެންޓް