ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ހޯދަން, އަލުން ފޯމު ހުށަހަޅަން ޖެހޭ ކަމަށް ބުނެ، ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފޮނުވަމުންދާ މެސެޖުގައި ބުނެފައިވަނީ، އެ ސްކީމުގެ ދަށުން ކުރިން ހުށަހެޅި ފޯމުތައް ބާތިލުކޮށް، އަލުން ފޯމު ލުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ފޯމް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ، މެސެޖުގައި ވަނީ ލިންކެއް ވެސް ހިމަނާފައެވެ.
ފުލުހުން ވަނީ، އެ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށްބުނެ، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަލުން ފުލެޓަށް ފޯމު ހުށަހަޅަން ހުޅުވާލި ކަމަށް ބުނެ، ސައްހަ ނޫން މެސެޖެއް ދައުރުކުރަމުން އަންނައިރު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އަންނަނީ ފުލެޓުތައް ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ފުލެޓު ދިނުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.
ނަމަވެސް ހަތްދިހަ ހަ ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެހެންވެ، ހައުސިން މިނިސްޓްރީން ނިންމީ 76 ޕޮއިންޓް ލިބި ގުރުއަތުން ބާކީވި މީހުންގެ ގުރު އަލުން ނަގައި، ފުލެޓު ދިނުމަށެވެ. އެމީހުންގެ ގުރު ނަގާ ދުވަސް އިއުލާނުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މަކަރާއި ހީލަތް ހަދާ މީހުން އެކި އުޅުކުތައް ބޭނުންކޮށްގެން ފައިސާ ހޯދައެވެ. އޭރަކު ފެންމަތިވާ މައްސަލަތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ސްކޭމްތައް ހިންގަން މަސައްކަތް ކުރެއެވެ. އެ ފޮނުވާ ލިންކަކީ އެގޮތަށް މީހުންގެ ޒާތީ މައުލޫމާތަށް ވަނަން ބޭނުން ކުރާ ލިންކުތަކެވެ. އެހެންވެ ގޮތް ނޭނގޭ ލިންކްތަކަށް ނުފިތަން ފުލުހުން އިލްތިމާސް ކުރެއެވެ.
މިފަދަ މައްސަލަތަކަށް ޚާއްސަކޮށް، ފުލުހުން އެންޓި ސްކޭމް ސެންޓަރެއް އުފެއްދީ މިދިޔަ މާރިޗު 17ގައެވެ. އެ ސެންޓަރުން އަންނަނީ ސޯޝަލްމީޑިއާގެ އެކި ވެބްސައިޓުތައް މެދުވެރިކޮށް އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ހަފުތާގައި ސްކޭމްގެ 41 މައްސަލައެއް ފުލުހަށް ހުށަހަޅާފައި ވާއިރު، އެ މައްސަލަތަކުގައި 372،000 އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވެއެވެ.