ހަތަރު މީހުންނާއެކު މިއަދު ހދ. ކުމުންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ބޯޓެއް ބަންޑުންޖަހާލައި، ކަނޑުވި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެ، އޭގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ކުމުންދޫ ކައިރިން އުޅަނދެއް ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ. އެ މަޢުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބަކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކުރި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން ކޯސްޓްގާޑުން އެ ދެ މީހުން ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންދާ ކަމަށް ވެސް ސިފައިން ބުންޏެވެ.

ކޯސްޓްގާޑުން މީހުން ސަލާމަތް ކުރުން: ކަނޑުވި ދެ މީހެއްގެ ހާލު ސީރިއަސް -- ފޮޓޯ/ އެމްއެންޑީއެފް
އެ ލޯންޗުން ކަނޑުވި ބާކީ ދެ މީހުން، ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހީންނާއި ދެ ބިދޭސީން ކަމަށެވެ.
ހާލު ދެރަވި މީހުން ގެންދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކަމަށާއި އޭގެ ތެރެއިން 66 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ފަރުވާ ދެމުން ދަނިކޮށް 10:30ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންނެވެ.
އެ މުއައްސަސާއިން ވަނީ، އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަނޑުމަތީގައި މިފަދަ އިތުރު ހާދިސާތަކެއް ހިނގާފައިވެއެވެ. އެގޮތުން، ކ. ޒަމާނީ އައިލެންޑް ކައިރިން ކ. ގުރައިދޫއަށް، 17 ބިދޭސީންނާއެކު ދަތުރުކުރި ޑިންގީއެއް ރޭ ބަންޑުޖަހާލައިފައިވެއެވެ.
އެއީ ބިދޭސީން ކަމަށާއި އެންމެން ވެސް ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިދިޔަ އާދިއްތަ ދުވަހު މާލޭން ފުރައިގެން ތ. ވޭމަންޑުއަށް ފިލާ ފަދަ ސާމާނު ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވެ، ތިން މީހަކު ކަނޑުވިއެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުން ކަމަށްވާއިރު، އެ މީހުން ސަލާމަތްކުރީ ފުލުހުންގެ ލޯންޗަކުންނެވެ.
އޭގެ ކުރިން ހޮނިހިރު ދުވަހު ވެސް އެފަދަ ހާދިސާއެއް ހިނގިއެވެ. އެގޮތުން ކުނި ބަރުކޮށްގެން ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ކ. ތިލަފުށްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައި, ހާލުގައި ޖެހުނު ތިން މީހުން އެމްއެންޑީއެފުން ވަނީ ސަލާމަތް ކޮށްފައެވެ. އެއީ ވެސް ދިވެއްސަކާއި ދެ ބިދޭސީންނެވެ.