ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ، 300،000 ރުފިޔާ ހޯދި މައްސަލައެއް

ބިރު ދައްކައިގެން ތިން ލައްކަ ރުފިޔާ ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާދިލާއި މަސްތުވާތަކެތީގެ މުއާމަލާތްކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފައިނާޒް -- ފޮޓޯ: ފުލުހުން

އޮރިޔާން ކާޑު ހުރި ކަމަށް ބުނެ, ބިރުދައްކައިގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް, މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އައްޑޫ ފޭދޫ / ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީ (32އ) އާއި، މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) އެވެ.

އެ ދެ މީހުންގެ ތެރެއިން ފަވާޒު ހައްޔަރުކުރީ އޮރިޔާން ކާޑު ހުރި ކަމަށް ބުނެ, އެކި ދުވަސް މަތިން ފިރިހެނަކަށް ބިރު ދައްކައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައެވެ. ފައިނާޒް ހައްޔަރުކުރީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ފުލުހުން ބުނީ, މި ދެ މައްސަލައިގެ ތެރެއިން އޮރިޔާން ކާޑު ހުރި ކަމަށް ބުނެ ފިރިހެނަކު ބްލެކްމެއިލްކުރި މައްސަލަ މިދިޔަ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި ދެ މައްސަލައާ ގުޅިގެން، ދެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެއްކުރި ކަންކަމަށް ބަލައިލާއިރު، ފަވާޒު ހުޅުމާލޭގައި ދިރިއުޅޭ ކަމަށް ބެލެވޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، ސިމް ކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް، ފައިނާޒް ލައިގެން ހުރި އަންނައުނުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓާ ހަވާލާދީ ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ބްލެކްމެއިލްކޮށްގެން ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވަކި މައްސަލަތަކެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް