ވައިގެ މަގުން ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކުޅުދުއްފުށީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މާލެ / މ. އަރޫދާގެ، އަބްދުالله އިބްރާހީމް (53އ) އާއި ކުޅުދުއްފުށި / ލީޑް، މުހައްމަދު ހުމާމް ހަސަން ނައީމް (29އ) އެވެ.
ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގްރާމް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހުމާމް 10 ދުވަހަށް، އަދި އަބްދުالله 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކުޅުދުއްފުށި ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، މަސްތުވާތަކެއްޗާ އެކު އިއްޔެ ފުލުހަކު ހައްޔަރުކޮށް، މައްސަލަ ބަލައި ނިމެންދެން ފުލުސް އޮފިސަރު ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ އައިޝަތު ޝިޔާޒާއެވެ. މި މައްސަލައިގައި އޭނާ އާއި ދެން ހައްޔަރުކުރި ސައިފުﷲ އަޙްމަދު ވެސް ކޮކެއިނަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި މައްސަލައިގައި ޝިޔާޒާގެ ބަންދަށް ފަސް ދުވަސް ޖަހާފައި ވާއިރު، ސައިފުﷲގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.