ޝުޖާގެ ރިޕޯޓް ލީކްވުން: އަޝްރަފް ވަކިކޮށް، އެފްއައިޔޫގެ ވެރިއަކަށް ސާޖިދު

އެފްއައިޔޫގެ އާ ވެރިއަކަށް އައްޔަން ކުރެއްވި އިސްމާއީލް ސާޖިދު---

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުރުކޮށް, އެ ޔުނިޓް ހިންގަން އާ ވެރިއަކު މިއަދު އައްޔަން ކުރައްވައިފިއެވެ.

އެމްއެމްއޭއިން މިއަދު ބުނިގޮތުގައި އެފްއައިޔޫގެ އާ ވެރިއަކަށް އައްޔަން ކުރެއްވީ އިސްމާއީލް ސާޖިދެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ހުންނެވީ ޓެކްސް އެޕީލް ޓްރެބިއުނަލްގެ މެންބަރު ކަމުގެ މަގާމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ.

https://www.sun.mv/209428

އެމްއެމްއޭއިން ބުނީ މި ބަދަލު ގެނައީ އެމްއެމްއޭގެ ހިންގުން ހަރުދަނާކުރުމަށް ކަމަށެވެ. އަދި އެފްއައިޔޫގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އަޝްރަފު، ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައި ކަމަށް އެ ބޭންކުން ބުނެއެވެ.

އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އަޝްރަފަކީ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ދާއިރާއިން މަތީ ތައުލީމާއި ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ ގާނޫނީ ވަކީލެއްވެސް މެއެވެ.

ކުއްލި ގޮތަކަށް އަޝްރަފް މަގާމުން ދުރުކޮށްފައިވާއިރު, ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ.

https://www.sun.mv/209429

ލީކުވެފައިވާ ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2023 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ. އެ މުއްދަތުގެ ތެރޭގައި 42 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

comment ކޮމެންޓް