ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއުއާ (ޝުޖާ)އާ ގުޅުން އޮންނަ ކުންފުނިތަކަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވިގޮތާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން މީޑިއާ އޮފިޝަލް 'ސަން'އަށް ބުނީ، އެ މައްސަލަ އޭޕްރީލް މަހުން ފެށިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ރިޕޯޓު ލީކުވެ، ގިނަ ބައެއްގެ ފާޑުކިޔުން ޝުޖާއަށް އަމާޒުވެފައިވަނިކޮށް އެމްއެމްއޭގެ އެފްއައިޔޫގެ އިސްވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފް މިއަދު ވަނީ އެ މަގާމުން ދުރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަނީ އެމްއެމްއޭގެ އެހެން މަގާމަކަށް ބަދަލުކޮށްފައެވެ.
ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ އިބްރާހީމް ޝުޖާއު: އޭނާ ވަނީ ތުހުމަތުތައް ދޮގުކޮށްފައި --- ސަން ފޮޓޯ/ އަބްދުﷲ އަބީދު
ލީކުވެފައިވާ ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2023 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ.
އެ ގޮތުން، ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް ހިމެނެއެވެ. އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ މަޖިލީހުގެ އިދާރާއިންނެވެ. ލީކުވެފައިވާ ރިޕޯޓުގައި ވާގޮތުން މަޖިލީހުން ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ 23 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ވަނީ ތިން ކުންފުންޏަކަށް ޖަމާކޮށްފައެވެ. އެއީ:
- ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން ރުފިޔާ
- ޑީޖީ ހޯލްޑިންސްއަށް ހަތަރު މިލިއަން ރުފިޔާ
- ޝުޖާއުގެ ދެބެއިންގެ ދެދަރި ކޮއްކޮ މުހައްމަދު ނާފިޒްގެ ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ
ރިޕޯޓުގައި ވާގޮތުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން އަށް މިލިއަން ރުފިޔާ ޚަރަދުކުރީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ޝުޖާއާއި ދައުލަތުގެ މީޑިއާގެ ބޯޑް މެންބަރެއް ކަމަށްވާ އަހުމަދު އަދުހަމަށް ރެއިންބޯއިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަންނާށެވެ. އެއީ، ޖުމުލަ 20 މިލިއަން ރުފިޔާގެ އެޕާޓްމަންޓްތަކެއް ކަމަށް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން، ނޮވެންބަރު ދޭއް، 2022 އިން ފެށިގެން ނޮވެންބަރު ހަތެއް، 2023 އާ ހަމައަށް ކުއިކް ޝުއާއަށް މާލޭ ސިޓީ ކައުންސިލުން ވެސް 10.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އެއީ، އެކި މަސައްކަތްތަކުގެ އަގުގެ ގޮތުގައެވެ. އޭރު ޝުޖާ ހުންނެވީ ކައުންސިލްގެ ހުޅުމާލޭ މެންބަރެއްގެ ގޮތުގައެވެ. މޭޔަރަކަށް ހުންނެވީ ރައީސް މުއިއްޒެވެ.
ރިޕޯޓުގައި ވާގޮތުން މި ސަރުކާރުގައި ވެސް އެކި ކުންފުނިތަކާއި ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ފައިސާ އޮފިޝަލް އިވެންޓްސްއަށް ޖަމާކޮށްފައެވެ. ބެލެވޭ ގޮތުގައި އެއީ އެކިއެކި އިވެންޓްތައް ބާއްވަން ސަރުކާރުން ޖަމާކުރި ފައިސާއެވެ. އޮފިޝަލް އިވެންޓްސްއަކީ އެންމެ ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރާ އެއް ކުންފުންޏެވެ.
ރިޕޯޓުގައި ބުނީ، ތިން ކުންފުންޏަކީ ވެސް އެއް ބަޔަކާ ގުޅުން އޮންނަ ކުންފުންޏަކަށްވެފައި އެ މީހުންނަކީ ސިޔާސީ ނުފޫޒު އޮތް ބަޔަކަށްވުމުން އެއީ ސިވެކްގެ އޮފިޝަލުންނާ ގުޅިގެން ހިންގާފައިވާ ކަމެއް ކަމަށް ބެލެވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި، ސިވެކަށް ހުވާކުރުމުގެ ރަސްމިއްޔާތު ހަވާލުކުރަން އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެ، ބައެއް ބައްދަލުވުންތައް ޝުޖާ ލީޑްކުރެއްވި ކަމަށް ރިޕޯޓުގައިވެއެވެ.
އެހެންވެ، އެ މުއާމަލާތަކީ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތަކަށް ބެލެވުމުގެ ފުރުސަތު އޮތް ކަމަށާއި އަދި ނުހައްގު މުއްސަނދިކަމާއި ކޮރަޕްޝަނަށް ވެދާނެ ކަމަށް ރިޕޯޓުގައިވެއެވެ. އަދި، ނުފޫޒު ބޭނުންކޮށްގެން މަޝްރޫއުތައް ހޯދިކަމަށް ބެލެވުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުގައިވެއެވެ.
މި ފައިސާތައް ލޭޔަރުކުރުން ފަދަ ކަންކަން ހިނގާފައި ހުރި ކަމަށް ބުނެ، މި މައްސަލަ އިތުރަށް ތަހުގީގުކުރަން ރިޕޯޓުގައި ވަނީ އިރުޝާދު ދީފައެވެ.
މި ރިޕޯޓާ ގުޅިގެން ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވާ ޝުޖާއު ވިދާޅުވީ، އެ ރިޕޯޓާ ގުޅޭ ސައްހަ މައުލޫމާތު މިހާތަނަށް އެއްވެސް އިދާރާއަކުން އޭނާއާ ހިއްސާކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އޭޕްރީލް މަހުން ފެށިގެން ފުލުހުން އެ މައްސަލަ ތަހުގީގުކުރި ނަމަވެސް ޝުޖާއާ ސުވާލުކުރިކަމާ މެދު ސުވާލު އުފެދެއެވެ.
"އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބުކުރި ގޮތާއި އެ މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމުގައި ދެކެން،" ޝުޖާއު ފޭސްބުކްގައި ލިޔުއްވިއެވެ.
އޭނާ ވިދާޅުވީ، ކުންފުނި އުފެއްދުމަށް ފަހު ކޮންމެ ސަރުކާރެއްގައި ވެސް ކާމިޔާބުކަމާ އެކު މަޝްރޫއުތައް ހިންގާފައިވާ ކަމަށެވެ. އެއީ، ކުންފުނީގެ ތަޖުރިބާއާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ތުހުމަތުތައް ވަނީ ދޮގުކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އޭނާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރުގައި ހުޅުމާލެއިން 9.4 މިލިއަން ރުފިޔާއަށް ބިމެއް ވެސް ބައްލަވައިގެންފައެވެ. އެއީ، 2،000 އަކަފޫޓަށްވުރެ ބޮޑު ބިމެކެވެ. އޭނާ ވަނީ އެ ފައިސާ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކާ ޚަލާސްކޮށްފައެވެ.