ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވާނަމަ، ފިޔަވަޅު އެޅުން ފަސޭހަކުރުމަށް އިސްލާހެއް ހުށަހަޅައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް: ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް މަގުމަތީގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އޭނާ ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ -- ފޮޓޯ: މަޖިލިސް

އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މަގުމަތީގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

ގާނޫނުލްއުގޫބާތުގެ 121ވަނަ މާއްދާގައިވާ ގޮތުން، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން، އަނިޔާ ލިބޭ މީހާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމަ، އެއީ ކުށެކެވެ.

މިފަދަ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ގޮވާ ތަކެއްޗާއި ގެއްލުންހުރި ކެމިކަލްތައް ބޭނުންކުރުން
  • މެޝިނަރީއާއި އިންޖީނުން މަސައްކަތް
  • އިމާރާތްތައް ތަޅައި ގަސްތައް ކަނޑައި ވެއްޓުން
  • ޖަނަވާރު ގެންގުޅުން
  • ކަނޑު އުޅަނދުފަހަރު އެހެލައި ބޭލުން

ގާނޫނާ ޚިލާފަށް މިފަދަ ކަމެއް ކޮށްގެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ، އެއީ އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް ފަރުވާލެއް ނެތި ކުރާ ކަމެއް ކަމުގައި، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ފަނޑިޔާރުން ވެސް ގަބޫލުކުރަން ޖެހޭނެއެވެ.

މީކާއީލް ހުށަހެޅުއްވީ އެ މާއްދާއަށް ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާ މެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ބެހޭ ބައި އިތުރުކުރުމަށެވެ.

މާލޭގައި މިފަހުން ހިނގި އެކްސިޑެންޓެއްގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

މި އިސްލާހާ ގުޅިގެން މީކާއީލް ވިދާޅުވީ، ގާނޫނުލްއުގޫބާތުގައި މިހާރު އޮތް ގޮތުން، މީހަކު މަރުވެދާނެ ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ފަރުވާލެއް ނެތި ކުރާ އަމަލުތަކުގެ ތެރެއިން، އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ކުރިމަތިވާ އެކްސިޑެންޓްތަކުގައި ހިމެނޭ މީހުންނަށް އެކަށީގެންވާ ފިޔަވަޅު އެޅެން ނެތް ކަމަށެވެ.

އެހެންވެ މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ފަރުވާކުޑަކޮށް އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ކުރިމަތިވާ އެކްސިޑެންޓްތަކުގައި ހިމެނޭ ފަރާތްތަކާމެދު ޖިނާއީ އަދުލުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތުމުން ދިމާވާ ދަތިތައް ހައްލުކޮށް، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް އިންސާފު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް،ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ވެއެވެ.

މީކާއީލް މިފަދައިން ހުށަހެޅުއްވާފައި ވާއިރު، މާލޭގައި ހިނގާ އެކްސިޑެންޓިތަކުގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް މައްޗަށެވެ.

އެގޮތުން، މިދިޔަ އާދީއްތަ ދުވަހުގެރޭ މާލޭގެ ބޮޑުތަކުރުފާނު މަގުން ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހެއްގެ ގައިގައި ޖެހި، ޕިކަޕެއްގައި ޖެހި، ދުއްވަން އިން 17 އަހަރުގެ ފިރިހެން ކުއްޖާ ވަނީ މަރުވެފައެވެ. އަދި ސިނަމާލެ ބްރިޖުގެ ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާލިބިފައި ވެއެވެ.

https://sun.mv/208647

އެކްސިޑެންޓްތައް އިތުރުވެ، އިހުމާލުވާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސްވެރިންނާއި ފުލުހުންގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ މިދިޔަ އަންގާރަ ދުވަހު ހުށަހަޅުއްވާފައިވެއެވެ.

https://sun.mv/208718

ފުލުހުން މި ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭ މާލޭ ސިޓީއާއި ސިނަމާލެ ބުރިޖާއި ހައިވޭގައި 1101 އެކްސިޑެންޓު ހިނގައިފައިވާއިރު، އޭގެ ތެރެއިން 61 އެކްސިޑެންޓުގައި މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވެއެވެ. އަދި ކޮންމެ މަހަކު ވެސް 150 އާއި 200 އާ ދެމެދުގެ އަދަދަކަށް އެކްސިޑެންޓުތައް ހިނގައިފައިވާކަމަށް ދައްކައެވެ.

comment ކޮމެންޓް