ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނ. އަތޮޅުގެ ހުރިހާ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ޚިދުމަތް ތައާރަފުކޮށްފިއެވެ.
ބޭންކުން ބުނީ ނ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ތައާރަފުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ އަތޮޅުގެ ހެނބަދޫ، ލަންދޫ، ކުޑަފަރީ، މާޅެންދޫ، ޅޮހި، މަގޫދޫ އަދި ފޮއްދޫގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ.
އެއާއެކު ނޫނު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން މި ވަނީ އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފައެވެ.

ނ. އަތޮޅުގައި އޭޓީއެމް ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތު: ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވާހަކަދައްކަވަނީ -- ފޮޓޯ/ ބީއެމްއެލް
އެކަމާ ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ނ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ގާއިމްކުރެވުމާއެކު، އެ ލިބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިން ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށް ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.
"މިއީ ހަމައެކަނި ބޭންކަށް ލިބުނު އުފަލެއް ނޫން. މުޅި އަތޮޅަށް ވެސް ލިބުނު އުފަލެއް. ބޭންކުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް ބޭންކިން ޚިދުމަތް ގާތުން ފޯރުކޮށްދީ، ދިރިއުޅެމުންދާ ރަށުން ދަތުރުކުރަން ނުޖެހި، ކޮންމެ ތަނެއްގައި ހުރެގެން ވެސް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް،" ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ނ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި -- ފޮޓޯ/ ބީއެމްއެލް
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 114 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 172 އޭޓީއެމް، އޭޖެންޓު ބޭންކިން ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބޭންކުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތައް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.