މިއަހަރު ފުރަތަމަ ހަތަރު މަހު ބީއެމްއެލް އޭޓީއެމްތަކަށް 1.3 ބިލިއަން ރުފިޔާ ކޭޝްކޮށް، ޖަމާކުރި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ނޫނު އަތޮޅުގެ ރަށްތަކަށް އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް އެއީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އެގޮތުން ބޭންކުގެ އަމާޒަކީ އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީ ނުކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭޓީއެމް ޚިދުމަތް ކޮންމެ ރަށަކަށް ލިބެން ފެށުމާއެކު ދަތުރު ކުރަން ނުޖެހި ޚިދުމަތް ލިބުމުގެ އިތުރުން ރައްޔިތުން އަތުގައި ހުރި ފައިސާ ބޭންކިން ނިޒާމަށް ވެސް ވަންނަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވަފައެވެ.
"ބީއެމްއެލް މެދުވެރިކޮށް ކަސްޓަމަރުންކުރާ މުއާމަލާތްތަކުގެ 90 އިންސައްތަ މުއާމާލާތްތައް ކުރަނީ ޑިޖިޓަލްކޮށް. ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް އަށް ދުވާލަކު 1,000,000 ފަހަރު ކަސްޓަމަރުން ލޮގްކުރޭ،" ޝަރީފް ވިދާޅުވިއެވެ.
އިންޓަނެޓް މެދުވެރިކޮށް ކުރާ މުއާމަލާތުގެ އަދަދު ބޮޑު އިންސައްތައެއް ހިއްސާކުރި ނަމަވެސް އޭޓީއެމްތަކުން ކުރާ މުއާމަލާތްތައް ވެސް ދަނީ އިތުރުވަމުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ބީއެމްއެލް އޭޓީއެމްތަކުން ދުވާލަކު 38،000 މުއާމަލާތްކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މީގެ ދެ މަހެއްހާ ދުވަސް ކުރިން ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލްގެ ނިޔަލަށް ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައި. އެއީ 2،000 އަށްވުރެ ގިނަ މުއާމަލާތް. އޭޓީއެމް ޚިދުމަތް ލިބެން ނެތްނަމަ އެއީ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ 2،000 ދަތުރު،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިދިޔަ ރޯދަމަސް ތެރޭ ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައި ވާނެ ކަމަށާއި، ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް 8،000 މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތްތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެ އަތޮޅުގައި ފައިސާ ނެގުމަށް ވަނީ 27,000 މުއާމަލާތް ކޮށްފައި. އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތް. މިއީ ގާތްގަނޑަކަށް ފަސް ހަފްތާތެރޭ ކޮށްފައިވާ މުއާމަލާތްތައް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މުޅި ރާއްޖެއިން ވެސް ފެންނަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ތަން ކަމަށެވެ. އެގޮތުން އެޕްރީލްގެ ނިޔަލަށް މާލޭ ފިޔަވައި އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން 240,000 މުއާމަލާތް ކޮށް، ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުން ކަމަށާއި އެއާއެކު މުޅިރާއްޖޭގައި ބީއެމްއެލްގެ 250އަށް ވުރެ ގިނަ އޭޓީއެމް ގާއިމުކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.