މިދިޔަ އަހަރު ބޯނަހުގެ ގޮތުގައި 10,000 ލިބުނު، އެޗްޑީސީގެ މުވައްޒަފުންނަށް މިފަހަރު 18600 ރުފިޔާ

އެޗްޑީސީ އޮފީސް: --- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް މި އަހަރުގެ އެނުއަލް ބޯނަހުގެ ގޮތުގައި 18،600 ރުފިޔާ ދޭން އެ ކުންފުނިން ނިންމައިފިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކުންފުނިތަކުގެ ތެރޭ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިމެނެއެވެ. އަދި އެއީ މުސާރަތަކާއި އިނާޔަތްތައް ވެސް އާންމު މިންގަނޑާ އަޅައިބަލާއިރު ރަނގަޅު ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެއެވެ.

އެއާއެކު މިދިޔަ އަހަރު 10،000 ރުފިޔާ އެނުއަލް ބޯނަހުގެ ގޮތުގައި އެ ކުންފުނިން، ކުންފުނީގެ މުވައްޒަފުންނަށް ދިނެވެ. މައުލޫމާތު ލިބޭ ގޮތުގައި މިފަހަރު އެ ބޯނަސް ވަނީ ގާތްގަނޑަކަށް ދެގުނަ ބޮޑުވެފައެވެ. އެގޮތުން މިފަހަަރު ކޮންމެ މުވައްޒަފަކަށް ވެސް އެނުއަލް ބޯނަހުގެ ގޮތުގައި 18،600 ރުފިޔާ ވަނީ ދޭން ނިންމައިފައެވެ.

އެޗްޑީސީން އަންނަނީ ބޮޑެތި މަޝްރޫއުތައް ވެސް މެނޭޖުކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ އެކި މަސައްކަތްތަައް ކުރަމުން އަންނައިރު، ރަސްމާލޭ މެނޭޖުކުރުމާއި ބައެއް ރަށްތަކުގައި ފްލެޓް އެޅުމުގެ މަޝްރޫއުތަކާ ވެސް އެ ކުންފުނިން ވަނީ ހަވާލުވެފައެވެ.

ބޮޑު އަދަދެއްގެ ފައިސާ ބޯނަހުގެ ގޮތުގައި ދޭން ނިންމިއިރު، އެޗްޑީސީން ވަނީ ސެކިއުރިޓީ ބަލަހައްޓަން އެ ކުންފުނީގެ ތެރޭ އާ ޚިދުމަތެއް ވެސް ތައާރަފްކޮށްފައެވެ.

comment ކޮމެންޓް